މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކި ދާއިރާތަކަށް ކުރިމަތިލާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތައް ހުންނާނެ ތަންތަން އެ ޕާޓީން އިޢުލާނު ކޮށްފިއެވެ.
އެމްޑީޕީގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ރާއްޖޭގެ އިތުރުން ތިން ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީން ބުނީ ސްރީ ލަންކާގައި ހުންނަ ވޯޓު ފޮށި ހުންނާނީ ކޮލަމްބޯގެ ދެހިވަލާގައި، ބޯޑީ ރާޖާ މަވަތަ، ޕެރަކުމްބާ ރޯޑްގައި 17 ނަންބަރު ގޭގައި ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު މިނިސްޓަރ އޮފް ސްޓޭޓް ފޯ އާރްޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގްގެ ގެއެވެ.
މެލޭޝިއާގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސެލަންގޯގެ ބަންދާރް އުތަމާ ސަރަޙައްދުގައި ހުންނަ، އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ގޭގައެވެ.
އިންޑިއާގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތުރިވަނަމްތަޕޫރަމް (ތްރިވެންޑްރަމް) ގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި ޖެހިގެން ހުންނަ ބިވޭރާ ހޮޓެލް އެންޑް ސޫޓްސްގައެވެ.
އެމްޑީޕީން ބުނީ ހުކުރު ދުވަހު އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މެލޭޝިއާ ފިޔަވައި ހުރިހާ ތަނެއްގައިވެސް ކުރިއަށްދާނީ ރާއްޖޭ ގަޑިން މެންދުރު 2:30 ން ފެށިގެންންނެވެ. މި ފޮށިތަކުގައި ކިއު ބަންދުވާނީ ރާއްޖޭ ގަޑިން ރޭގަނޑު 8:30 ށް ކަމަށެވެ. މެލޭޝިއާގައި ވޯޓުލުން ފެށޭނީ މެލޭޝިއާ ގަޑިން މެންދުރު 2:30 ގައެވެ. މެލޭޝިއާގައި ކިއު ބަންދުވާނީ މެލޭޝިއާ ގަޑިން ރޭގަނޑު 8:30 ގައެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބުގައި 279 ކެނޑިޑޭޓުން ވާދަކުރާއިރު، މި އިންތިކާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 86091 (އަށްޑިހަ ހަހާސް ނުވަދިހަ އެއް) މެންބަރުން އެ ޕާޓީގެ ދަފްތަރުގައި ހިމެނެއެވެ. މި އިންތިޚާބުގައި 270 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، މި ޕްރައިމަރީގައި އޮފިޝަލުންގެ ގޮތުން 700 އަށްވުރެ ގިނަ ފަރާތް ހަރަކާތްތެރި ވާނެއެވެ.