އއ.ތޮއްޑޫ ގޮއިބިމުން ދަނޑުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ދޫކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ގޮއިބިމަކީ ދަނޑުވެރިކަން ކުރުމަށްޓަކައި ކައުންސިލުން ނީލަމުގެ އުސޫލުން ބިން ދޫކުރާ ސަރަހައްދެކެވެ. މީގެ ކުރިން ނީލަމުގެ އުސޫލުން ބިންދޫކުރި ބައެއް ފަރާތްތަކުން އެދަނޑުބިންތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ، ކައުންސިލްގެ ތިން މެންބަރުންގެ އިއްތިފާގުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް، އެފަދައިން ފައިސާ ނުދައްކައި ތިބި ފަރާތްތަކާއި، އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ބިން ދޫނުކުރުމަށް ވަނީ ނިންމާފައެވެ.
އެހެންކަމުން މިމައްސަލަ ބަލައިދިނުމަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް އާންމު ފަރާތަކުން ވަނީ މައްސަލަ ހުށަހަޅާފައެވެ. ކޯޓަށް ހުށަހަޅާފައިވާ މިމައްސަލާގައި ބުނެފައިވަނީ ކައުންސިލުގެ ނިންމުމަކީ ''އއ.ތޮއްޑޫ ގޮއިބިމުން ނީލަމުގެ އުސޫލުން ބިންދޫކޮށްފައިވާ ފަރާތްތަކާއި ކައުންސިލް އިދާރާއާއި ވެވޭ އެއްބަސްވުން'' އާއި ޚިލާފަށް ކައުންސިލުން ނިންމާފައިވާ ނިންމުމަކަށްވާތީ އެނިންމުން ބާތިލްކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް ތޮއްޑޫގެ ގޮއިބިމުން އެއްވެސް ފަރާތަކަށް ދަނޑުބިން ދޫކުރުން ހުއްޓުވުމަށް އަމުރު ކޮށްދިނުމަށެވެ.
ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލަ ހިންގެވުމާއި ހަވާލުވެ ހުންނެވި އއ. އުކުޅަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަޙުމަދު މުއާވިޔަތު ޤާސިމް ނެރުއްވާފައިވާ ވަގުތީ އަމުރުގައިވަނީ، މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވޭ ފަދަ ސަބަބުތައް އެބަހުރި ކަމަށާއި، ވަގުތީ އަމުރެއް ނެރެނުދީފިނަމަ އެކަމުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ދައުވާ ކުރާ ފަރާތަށް ލިބިދާނެ ކަމަށް ޝަރީއަތަށް ފެންނާތީ ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން ތޮއްޑޫ ގޮއިބިމުން ދޫކުރުމަށް މިހާރު އިއުލާންކޮށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑުބިންތައް ދޫކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ކައުންސިލް އިދާރާއަށް އަމުރު ކުރާ ކަމަށެވެ.
ދަނޑުބިންތަކަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް ކައުންސިލް ވަނީ އިއުލާންވެސް ކޮށްފައެވެ. ނަން އިއުލާން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކުރީގެ ކައުންސިލްގެ ރައީސްގެ އިތުރުން ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތޮއްޑޫއަކީ ދަނޑުވެރިކަމަށް ޚާއްސަ ރަށަކަށް ވާއިރު، ގިނަ ބަޔަކު އާމްދަނީ ހޯދަނީ ދަނޑު ހައްދައިގެންނެވެ.