ވެލީގެ ތޫފާނެއް އަރައި މިސްރުގެ ވެރިރަށް ގާހިރާގެ މަގުތަކާއި ފަޒާ އެއްކޮށް އޮރެންޖު ކޮށްލައިފިއެވެ.
ގަދަ ވަޔާއި އެކުވެގެން އައި ހިރަފުހުން އެއްކޮށް ގާހިރާ ބަނަކޮށްލާފައި އޮތް އިރު، އެތަނުގެ މީހުންނަށް ވަނީ ހިރަފުހުން ސަލާމަތްވުމުގެ ގޮތުން ގެއިން ބޭރަށް ވެސް ނުނިކުމެ އުޅެން ޖެހިފައެވެ.
ވެލީގެ ތޫފާނުގެ ސަބަބުން އެ ސަރަހައްދުގެ ސުއޭޒް ބަނދަރާއި ޒެއިތިޔަތު ބަނދަރު ބަންދުކޮށްފައިވާ އިރު، ގާހިރާގެ އެއަރޕޯޓަށް ވެސް ވަނީ ފްލައިޓްތައް ޑިލޭ ކުރަން ޖެހުމާއި ގުޅިގެން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
މިސްރުގެ ހެލްތު މިނިސްޓަރު ވަނީ ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށްފައެވެ. އެ ހިސާބުގެ މީހުން މަގުމަތީގައި އުޅެން ޖެހިފައިވާނީ މޫނު ނިވާކުރަން މާސްކެއް ނުވަތަ ފޮތިގަނޑެއް އަޅައިގެންނެވެ.
މިސްރުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ބުރާސްފަތި ދުވަހު ވާރެ ވެހުމުން، ހިރަފުހުގެ އަސަރުތައް ފިލައިގެން ދާނެ ކަމަށެވެ.
މިސްރަށް ވެލީގެ ތޫފާނެއް އަރައިގެން އުޅޭ އިރު، މެދު އިރުމަތީގެ އެހެން ގައުމުތަކަށް ދަނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހެމުންނެވެ. އަދި ބައެއް ގައުމުތަކަށް ވަނީ ސްނޯ ވެސް ފައިބާފައެވެ.