ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް ކަމަށާއި އެކަމުގައި ޝާމިލު ވަނީ އެންމެ މުވައްޒަފެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
މީގެ ކުރިން އަޑު ފެތުރިފައި ވަނީ އެ ބޭންކުގެ އަމިއްލަ ފައިސާ ބޭނުން ކޮށްގެން އެތަނުގައި މަސައްކަތް ކުރާ ދެމަފިރިއަކު 10 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
ނަމަވެސް މިއަދު ބޭންކު އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި އަންހެން މީހާގެ ބައިވެރިވުމެއް މި ޚިޔާނާތުގައި ވާކަމެއް ބުނެފައެއް ނުވެއެވެ.
ބުރާސްފަތި ދުވަހު ބީއެމްއެލް އިން ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައާ ގުޅޭ ގޮތުން ބޭންކުގެ އިންޓަރނަލް އޮޑިޓުގެ ތަހްގީގުން ދައްކާ ގޮތުގައި ބޭންކުގެ މުވައްޒަފަކު އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓަރނަލް އެކައުންޓްތަކުގެ މުޢާމަލާތް ކުރުމަށް އޭނާ އަށް ދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭންކުގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލަ އަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަން އިތުރަށް ތަހްގީގު ކުރުމަށާއި އެކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކްގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓަރނަލް ކޮންޓްރޯލްތައް ބޭންކް އޮފް މޯލްޑިވްސްގައި ގާއިމް ކުރެވިފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފު ކަމެއް ކޮށްފި ނަމަ ތަހްގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.