ހުރިހާ ކަމެއްގައި ވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށާއި އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ އަންހެނުންގެ ތަރައްގީކުރާ ކޮމިޓީގެ ތިން ވަނަ ދައުރުގެ އިންތިހާބީ މެމްބަރުން އިގުރާރުކުރުމަށް ރަސްފަންނުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ދުނިޔޭގެ އާބާދީގައާއި ރާއްޖޭގެ އާބާދީގައި 50 އިންސައްތަ އަންހެނުން ހިއްސާކުރާ އިރު، އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭތޯ މިއަދު ސުވާލަކަށް ވެސް ވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އަންހެނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ ތެރޭގައި އިންތިހާބުތަކުގައި ވާދަކުރުމުގައި ދިމާވާ ދަތިތައް ޝިދާތާ ފާހަގަކުރެއްވިއެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް ރާގު ބަދަލްކޮށް ބޮޑެތި ނިންމުންތަކުގައި އަންހެނުންގެ ހިއްސާ ބޮޑު ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކަނބަލުންގެ ބާރުވެރި ކުރުވުން އިތުރު ހަރުފަތަކަށް ގެންނަންޖެހޭ ކަމަށެވެ.
"ސިޔާސީ ހަރަކާތްތަކުގައި ގިނަ އަންހެނުން ބައިވެރިވި ކަމުގައި ވިޔަސް، ހަގީގަތުގައި ސިޔާސީ މަގާމުތަކުގައި މި ނިސްބަތް ދަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރެވިއްޖެ ނަމަ މުޅި މުޖްތަމައު އަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި އަންހެނުންގެ ޒިންމާތަކާ މެދު މުޖުތަމައުއިން އާއްމުކޮށް ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންހެނުންނަކީ އެބައިމީހުންގެ އަމިއްލަ ދިރިއުޅުމުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ބައެއް ކަމަށާއި އެކަމުން އަނަގައިދޭ އެއްކަމަކީ އެ މީހުންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ފަސްނުޖެހޭނެ ކަމެވެ.