އޭޕްރީލް 6 ގައި އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ވާރޭ ފެން ރައްކާކޮށް އެފެން އެހެން ފަރާތްތަކަށް ވިއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތްކުރާ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އާދަމް އަލީ، ހަސަން އިއާދު ސަލީމް، ހުސައިން ޝަރީފް އަދި އަލީ ރިޒާގެ ކެމްޕެއިން ހަފުލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މާލެއަށް އަހަރެއްގެ މައްޗަށް 2 މީޓަރުގެ ވަރޭ ވެހެމުންދާއިރު މި ހުރިހާ ފެން އުކާލުމަށް ފަހު ބޭނުންކުރަމުންދަނީ ޑީސެލިނޭޓްކޮށްފައިވާ ފެން، ބޮޑު އަގުގައި ގަނެގެން ކަމަށެވެ.
މާލެއަކީ އެތައް ގޮތަކަށް ފެން ރައްކާކުރޭވޭނެ ތަނެއްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ މަގުގެ އަޑީގަޔާއި ބިނާކުރާ ގެތަކުގެ އަޑީގައި ވެސް އަދި ބިނާކުރަމުން ދާ ގޭގޭގެ ޓެރަހުގައި ވެސް ފެން ރައްކާ ކުރޭވެނެ ކަމަށެވެ. އެހެންކަމުން މާލެއަށް ވެހޭ ހުރިހާ ފެނެއް ރައްކާ ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވާރޭފެން ފެންކުންފުންޏަށް ވިއްކުމަށް ފަހު އެފެން ފިލްޓަރކޮށް ރައްޔިތުންނަށް ހެޔޮ އަގުގައި އެކުންފުނިން ވިއްކިދާނެ. އެހެން އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ފެނުގެ އަގު އެތައް ގުނައެއް ހެޔޮވެ ރައްކާތެރި ބޯފެނުގެ ނިޒާމެއް ގާއިމް ކުރެވި އަދި މާލޭގައި ފެންބޮޑުވާ މައްސަލައަށް ވެސް ހައްލުތަކެއް ލިބިގެން ދާނެ،" ނަޝީދު ވިދާޅުވިއެވެ.
މިފަދަ ހުރިހާ ކަމަކަށް އަލަށް އިންތިޚާބުވާ ރައްޔިތުންގެ މަޖިލީހުން ގޮތްތަކެއް ނިންމާނެ ކަމަށާއި އެމަޖިލީހަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވަމުންދާ އަދި ދިމާވެފައިވާ އެތައް މައްސަލަތަކަކަށް ހައްލު ހޯދައިދޭނެ މަޖިލީހަކަށް ވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.