ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުރާސްފަތި ދުވަހު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ޔޫ.އޭ.އީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، މިހިނގާ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވި "ޒާޔިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައި ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ. އަދި ޔޫއޭއީގައި އުޅޭ ދިވެހިންނާ ވެސް ރައީސް ބައްދަލު ކުރެއްވެވި އެވެ.