ޕާކްކުރާނެ ޖާގަ ތަނަވަސްނުކޮށް ފުލުހުން ނުކުމެ ސްޓިކާޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ކަމަށް ނުވާތީ، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެކްޓިންގ ކޮމިޝަނަރ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އުޅަނދުތަކުގައި ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލީ ސަރުކާރުން އަންގައިގެން ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ ސަރުކާރެއްގައި ޕާކް ކުރާނެ ތަން ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށެވެ.
ސްޓިކާޖެހުމުގައި ފުލުހުންގެ މަސައްކަތުން ގިނަ ވަގުތުތަކެއް ހޭދާކުރާއިރު، އެއީ ބޭކާރު ވަގުތުތަކެއް ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ. ފުލުހުންގެ މަސައްކަތުން ބޭކާރުވެގެންވެގެންދާ ވަގުތުތަކެއް ކަމަށް އެ ވަގުތު، ހަމީދު ސިފަކުރައްވާފައިވަނީ ، ސަރުކާރުގެ ބައެއް ސިޔާސަތުގެ ދަށުން އެ ޖޫރިމަނާތައް މައާފްކުރާތީ ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
ވެހިކަލްތައް ޕާކްކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރަން މާލޭ ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެކޭނިކަލް ޕާކިން ސިސްޓަމްތައް ނަގައި އެ ތަންތަނުގައި ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވަނީ ނިންމާފައެވެ.