މަގުމަތީ އެކްސިޑެންޓެއްގައި މީހެއް ފުރާނަ ގެއްލިގެން ނުދިޔަ ނަމަވެސް ފުރާނައަށް ގެއްލުން ވާވަރުގެ ނުވަތަ ބޮޑު އަނިޔާއެއް ލިބޭފަ ފަދަ ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލުމަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކްޓިންގ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހަމީދު ވިދާޅުވި ގޮތުގައި އެކްސިޑެންޓްތަކުގެ މައްސަލަތަކުގައި ޖީނާއީ ދައުވާ މިހާރު އުފުލަނީ އެކްސިޑެންޓާއި ގުޅިގެން ކޮންމެސް އެއްފަރާތެއްގެ އިހުމާލުން ނުވަތަ ފަރުވާ ކުޑަވެގެން މީހެއް ފުރާނަ ގެއްލިގެން ދިއުމުން ނެވެ. ނަމަވެސް އެ އުސޫލް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ފުރާނަ ނުގެއްލުނު ނަމަވެސް ބޮޑެތި އަނިޔާތައް ލިބިފައި އެބަހުރި ކަމަށެވެ. އެހެންވެ، ނުރައްކާތެރި އެކްސިޑެންޓްތަކުގައި ފުރާނަ ނުގެއްލުނު ނަމަވެސް ލިބޭ އަނިޔާއެއްގެ ނިސްބަތާއި، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ޖީނާއީ ދައުވާ އުފުލާ ގޮތަށް އުސޫލް ބަދަލުކުރަން މަސައްކަތްކުރާ ކަމަށެވެ.
ހަމީދު ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، ޓްރެފިކްގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ވެސް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ތެރެއިން 24 ގަޑިއިރު އެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށާއި، ޓްރެފިކްގެ ތޮށްޖެހުމާއި ނުރައްކާތެރި ގޮތަށް ބާރަށް ދުއްވުން ފަދަ މައްސަލަތައް އެންމެ ގިނައިން ދިމާވަނީ ކޮންކޮން ތަނެއްގައިކަން ބަލައި އެކަން ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ހަމީދު ވިދާޅުވިއެވެ.
"ޕްލޭނިންގ މިނިސްޓްރީ ފަދަ ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާއި، އަދި އިދާރާތަކާއި، ޚާއްސަކޮށް ރޯޑް ސޭފްޓީ އޮތޯރިޓީ އަދި ޓްރާސްޕޯޓް މިނިސްޓްރީ ފަދަ ތަންތަނާއި މަޝްވަރަ ކުރަމުން މިގެންދަނީ. މިހާރު ވެސް ޚާއްސަ ގޮތެއްގައި ބްރިޖާއި ބްރިޖާ ގުޅޭ މަގުގައި މިހިނގާދާ ނުރައްކާތެރި އެކްސިޑެންޓްތައް އަޅުގަނޑުމެންނަށް އެޓެންޑް ކުރެވޭނެ ގޮތްތައް ބަލަމުން." ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ މަގުމަތީގެ ރައްކާތެރި ކަމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދޭންޖެހޭ ކަމަށާއި، އެކްސިޑެންޓްތައް މަދު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.