ގާނޫނާ ހިލާފަށް ކަމެއް ނުކުރާނެ ކަމަށާއި މައްސަލަތައް ތަހްގީގުކުރުން ވެސް ކުރިއަށް ގެންދާނީ "ބަޔަކު އެދޭ މަގުސަދެއް ނެރޭކަށް ނޫން" ކަމަށް އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާއި ހިންގަމުން ދާނީ ވަރަށް ޕްރޮފެޝަނަލްކޮށް، ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
މީގެ ކުރިން ފުލުހުންގެ ސިޔާސީވެ، ތަފާތުކުރުންތައް ގެންގުޅެފައިވާ ކަމަށް ތުހްމަތުކޮށްފައި ވާއިރު، ހަމީދު ވިދާޅުވީ ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް އަމަލު ނުކުރާނެ ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ހަމީދު ވިދާޅުވީ އެއްވެސް މައްސަލައެއް ތަހުގީގު ކުރަނީ ވަކި މަގުސަދެއް ނެރެން ނުވަތަ ވަކި ބަޔަކު އެދޭ މަގުސަދެއް ނެރޭކަށް ނޫން ކަމަށެވެ. އެ ތަހުގީގުން ނުކުނަން ނަތީޖާއަށް ބެލުމަށްފަހު ކަންކަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިވެނި ކަމެއް ބެލުމަށްޓަކައި މިވެނި ފަރާތެއް ދެން އޮންނަން ޖެހެނީ ހައްޔަރު ގައޭ. ނުވަތަ ޖަލެއްގައޭ. އެއީ އެއް އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން މިދަންނަވާހެން ހަމަ ގާނޫނީ އިމުގެ ތެރެއިން އެއްވެސް ކަހަލަ ފަރާތަކަށް ބުރަވުމެއް ނެތި ތަފާތު ކުރުމެއް ނެތި އެތަހުގީގުތައް ކުރާނެ. ޕްރޮފެޝަނަލް ގާބިލްކަން ހުރި އެންމެ މަތީ ފެންވަރުގައި މިމަސައްކަތް ބަލައި، އަޅުގަނޑުމެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނަން." ހަމީދު ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ގާނޫނީ އިމުގެ ތެރެއިން ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ކަމަށް، ސިއްރު ފުލުހުންގެ ވެރިޔަކަށް ކުރިން ހުންނެވި ހަމީދު ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ފުލުހުން ތުހްމަތުކޮށްފައި ވަނީ މަނީ ލޯންޑަކުރުމުގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ފައިސާއިން އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ އެވެ.
މި ތުހްމަތުތަކަށް އެ މަނިކުފާނު ވަނީ އިންކާރުކުރައްވައިފަ އެވެ.
ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ އޮޕަރޭޓް ކުރަނީ ގާނޫނީ އިމުގެ ތެރެއިންކަމަށާއި، ގާނޫނުންތަންދޭ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ.