ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާދޭން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފިއެވެ.
ރައީސް މައުމޫނާ ޕީޕީއެމް ހަވާލު ކުރަން ސިވިލް ކޯޓަށް ހުށައަޅާފައި އޮއްވާ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އެ ކޯޓުން ބެލުމަށް ގެންގޮސްފައި އެވެ. އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ޝަކުވާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ޝަކުވާގެ މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 10.15 އަށެވެ. އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
ސިވިލް ކޯޓުން މީގެ ކުރިން ޕީޕީއެމްގެ މައްޗަށް ކޮށްފައިވާ އަމުރާ އެއްގޮތައް އަމަލު ކޮށްފައި ނުވާ ކަމަށްބުނެ އާންމުންގެ މީހަކު ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ވަނީ ވަނީ ބާއްވާފައެވެ. ރާއްޖޭގެ ރައީސްކަމުގެ މަގާމު އަބްދުﷲ ޔާމީނަށް ގެއްލުމާ ގުޅިގެން، ޕީޕީއެމްގެ މުސްތަޝާރުގެ ހައިސިއްޔަތު ވެސް އެމަނިކުފާނަށް ގެއްލިފައިވާ ކަމަށް ގާނޫނީ ވަކީލު އަދި ޕީޕީއެމް މެމްބަރު އަލީ އަހްމަދު ހުށައަޅާފައިވާ އެ މައްސަލާގައި ބުނެފައިވެއެވެ. އެ ސަބަބުތަކާ ހުރެ ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްއިން އިންތިހާބު ކުރި އެ ޕާޓީގެ ރައީސް، މައުމޫނާ ޕީޕީއެމް ހަވާލު ކުރުމަށް ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ. މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް މައުމޫންގެ ފަރާތްޕުޅުން ވެސް ވަނީ ހުށަހަޅައިފަ އެވެ.
ޕީއެމްގެ ދެ ވަނަ ކޮންގްރެސްގައި ފާސްކުރި ނިންމުންތަކާ ގުޅިގެން ހައި ކޯޓުން ނިންމާފައިވާ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް އަދި ސުޕްރީމް ކޯޓުގައި ނުފަށައެވެ.