ރީނދޫ ހުން އުޅޭ ގައުމުތަކުން ރާއްޖެ އަންނަ މީހުންނަށް ހާއްސަ އުސޫލެއް ހެލްތު މިނިސްޓްރީން ބުދަ ދުވަހު އެކުލަވާލައިފިއެވެ.
ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ރީނދޫ ހުން އުޅޭ ކަމަށް ބެލެވޭ ގައުމަކުން ރާއްޖެ އަންނަ މީހުންގެ އަތުގައި އެ ހުމުގެ ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ ވެކްސިން ސެޓްފިކެޓް ނެތް ނަމަ، އެ މީހެއްގެ ސިއްހީ ހާލަތު ބެލުމަށްޓަކައި ހަ ދުވަހަށް ކަރަންޓީން ކުރާނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުގައި، ރީނދޫ ހުމުގެ ވެކްސިން ޖަހަން ނުޖެހޭ މީހުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ނުވަ މަސްނުވާ ކުޑަކުދިންނާއި ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ފަދަ ބައްޔެއް ހުރުމުގެ ސަބަބުން ދިފާއީ ނިޒާމް ދަށްކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުމެއް އޮންނަ މީހުންނެވެ. އަދި އެފަދަ ގައުމަކަށް ޓްރާންސިޓް ކުރާ މަތިންދާ ބޯޓް ކްރޫން، އެ ބޯޓު ޖައްސާ އެއާޕޯޓުން ނުނިކުންނަ ނަމަ، އެ ސެޓްފިކެޓް ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނެފައިވެއެވެ.