ހުއިފިލަނޑާ ނަގަން އުޅެނިކޮށް ބުދަ ދުވަހު ގެއްލުނު ނ. މިލަދޫ މީހާ ވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ހުއިފިލަނޑާ ނަގަން ފޭބި މީހާ ފެނިފައި ވަނީ ބުދަ ދުވަހު މެންދުރު 12:43 ހާއިރު ކަމަށެވެ.
ގެއްލިގެން ހޯދާފައި ވަނީ ނ. މިލަދޫ އަބްދުﷲ ޝާމިން، 24 އެވެ. ޝާމިން ފެނިފައި ވަނީ އޭނާ ގެއްލިފައިވާ ސަރަހައްދުގައި ހަރަކާތްތެރިވި އެރަށު ޑިންގީއަކަށެވެ. ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހުއިފިލަނޑާ ނަގަން އުޅެނިކޮށް ފުލުހުން ބުދަ ދުވަހު ފުރަތަމަ ހޯދަން ފަށާފައި ވަނީ ރ. ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި ރ. ދުވާފަރު، ފެހިހިޔާގޭ އަބްދުﷲ އާދަމްއެވެ. އެ މީހާ ފެނިފައި ވަނީ ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްކުރެންދޫގައި ހުއްޓައެވެ. އޭނާގެ ހާލު ވެސް ރަނގަޅެވެ.