ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދަށް، ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.
ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނާ އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ބުދަދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ނަޝީދުގެ ވާހަކަފުޅުތައް ހަމަނުޖެހޭ ކަމަށާއި، އަދި ނަޝީދުގެ ވާހަކަފުޅުތަކާ ދެކޮޅަށް ތަންދޮރު ދަންނަ ބޭފުޅުން ތެދުވަންޖެހޭ ކަމަށެވެ.
ނަޝީދުގެ ވާހަކަފުޅުތަކޭ ވިދާޅުވެ، ގާސިމް ވާހަކަފުޅު ދެއްކެވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބެންޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކުން ބާއްވަމުން އަންނަ ކެމްޕޭން ޖަލްސާތަކުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން އަންނައިރު، އެ މަނިކުފާނުގެ ވާހަކަފުޅުތައް އަމާޒުކޮށްފައިވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭނެ ކަމުގެ މުހިންމުކަމުގެ މައްޗަށެވެ.
މަޖިލިސްގެ ރައީސްކަން ކުރައްވަމުން އަންނަ ގާސިމް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބޭނަމަ، ގައުމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ގާސިމް ވިދާޅުވީ މާޒީގައި ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން ކަން ކުރެއްވި ގޮތް ފެނިވަޑައިގެންފައިވާ ކަމަށާއި، އެ ފަހަރު ކަމެއް ރަނގަޅަށް ކުރެވުނު ނަމަ އެކަމުގެ 50 ޕަސެންޓް ހިއްސާގައި ޖުމްހޫރީ ޕާޓީވެސް ހިމެނޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މަހުޖަނުންނަށް ޖާގަ ނުލިބޭނެ ކަމަށާއި، ވިޔަފާރިވެރިންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރަންޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި މެދު، ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ ގާސިމް ވިދާޅުވީ، ކޮންމެ ކަމެއް ވެސް ފުއްދަން ޖެހުމުން މަހުޖަނުގެ ބޭނުން ޖެހޭ ކަމަށާއި، އެހެން ކަމުން ޒިންމާއެއް، ސަބަބެއް ނެތި ކަމެއް ނުހިނގާނެ ކަމަށެވެ.
ނަޝީދަށް ފާޑުވިދާޅުވިޔަސް ގާސިމް ވިދާޅުވީ އަދުލުވެރިކަމާއެކު ކަންކަން ކުރައްވާހާ ހިނދަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި ސާބިތުކަމާ އެކު ދެމިހުންނަވާނެ ކަމަށެވެ. އަދި ކޯލިޝަން ދަމަހައްޓަވާނެ ކަމަށާއި، މިހާރު ހިނގަނީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަމުން ގެންދަވާތީ، އެ މަނިކުފާނަށް "ސެލިއުޓް" ކުރައްވާ ކަމަށެވެ.
ނަޝީދަށް އަމާޒުކޮށް ބަހުގެ ހޫނު ހަމާލަތަކެއް ގާސިމް ދެއްވާފައިރު، ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ، ރާއީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. އެމްޑީޕީން އިން ބުނެފައިވަނީ އެއީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ހުށަހެޅުނު ބިލެއް ކަމަށެވެ.