ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ނަވާޒު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
ނަވާޒު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ޖުމްހޫރީ ޕާޓީގެ އޮފީސް މާފަންނު ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު ނަވާޒު ވަނީ މެމްބަރޝިޕް ފޯމް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމާއި ހަވާލުކުރައްވާފައެެވެ.
ނަވާޒް ޕޮލިސް އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސިޔާސީ ލީޑަރުންތަކެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރާނެ ކަމަށް އޭރު ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފް ވިދާޅުވުމާ އެކު އޭނާ އެ މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ.
ކޯޓު އަމުރާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ސުޕްރީމް ކޯޓުގައި ހުންނަވަނިކޮށް ފުރާޅުމަތިން ސިފައިން ވަދެ، ފުލުހުންނާ ހަވާލުކުރި އިރު ފުލުހުންގެ އިސް ވެރިޔަކަށް ހުންނެވީ ނަވާޒެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރީ ވެސް އެކްޓިން ކޮމިޝަނަރަކަށް ނަވާޒު ހުންނަވަނިކޮށެވެ.
ނަވާޒް ފުލުހުންގެ އިދާރާއިން ވަކިކުރައްވާފައިވަނީ، އިންތިހާބުގެ ދުވަސްވަރު އެވެ. އަދި ނަވާޒް ފުލުހުންގެ އިދާރާއިން ވަކިކޮށް، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭރުގައި އައްޔަނުކުރެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހާއި ހަމައަސް ނަވާޒް ހުންނެވީ އެ މަޤާމުގަ އެވެ.