ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށް މަރުވި 23 އަހަރުގެ އަންހެން މީހާގެ އޮޓޯޕްސީއެއް ހެދުމަށް ފުލުހުން އާއިލާގެ ކިބައިން އެދިއްޖެ އެވެ.
އުމުރުން 23 އަހަރުގެ އަންހެން މީހާ މަރުވެފަިއވަނީ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ހައްޔަރުގައިވަނިކޮށް، ދޫނިދޫ ޑިޓެންޝަން ސެންޓަރުގަ އެވެ.
އަންހެން މީހާގެ މަރާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މައްސަލާގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އެޗްއާރްސީއެމްއަށް ވެސް އެކަމުގެ މައުލޫމާތު ހިއްސާކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ އޮޓޮޕްސީއެއް ހެދުމާ ގުޅޭ ގޮތުން އާއިލާއާ މަޝްވަރާކޮށް އެކަމަށް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުއްދަތު ތެރޭގައި ދެ ފަހަރަކު އޭނާ ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ވަނީ އަންހެން މީހާގެ މަރުގެ މައްސަލާގައި ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެކަމުގެ ޔަޤީންކަންވެސްދީފައެވެ.
ތަހުޤީޤަށް ފުރިހަމަ އެއްބާރުލުންދޭނެކަމަށް ފުލުހުން ހާމަކޮށްފަިއވާއިރު، މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވިސް (އެޗްއާރްސީމް) އިން ވަނީ ހާމަކޮށްފަ އެވެ. އެޗްއާރްސީއެމް އިން އަންގާރަ ދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނީ، އެ އަންހެން މީހާ މަރުވި މައްސަލަ އެ ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލަ ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށްވެސް ޓްވީޓްގައި ވަނީ ބުނެފައެވެ.
ދޫނިދޫ ޖަލަކީ ޑިޓެންަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ތަނެކެވެ. އެތަނުގައި ތިބެނީ ކުށުގެ ތުހުމަތުގައިި ހައްޔަރުކޮށް، ތަހުޤީޤް މަރުހަލާގައިވާ ފަރާތްތަކެވެ.