ދިވެހިރާއްޖެ އާއި ޔޫއޭއީއާ ދެމެދު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ދެ ޤައުމު ދެމެދު އޮމްއޯޔޫ އެއް ގައި ސޮއިކޮަށްފިއެވެ.
އަބޫދާބީގައި ހުންނަ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި އަންގާރަދުވަހުގެ ހަވީރު ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން އެވެ. އަދި ޔޫއޭއީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް، ޑރ. ޡާނީ އަލް ޒަޔޫދީއެވެ.
މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ދެ ޤައުމު ދެމެދު އިއާދަކުރުނިވި ހަކަތައިގެ ދާއިރާއިން ސިޔާސަތު އެކުލަވާލުމުގައި ތަޖުރިބާ އާއި ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި އެމްއޯޔޫ އަކީ ދެ ޤައުމު ދެމެދު އޮތް ޒަމާންވީ ގުޅުމަށް ލިބުނު އިތުރު ފުރިހަމަކަމެއްގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރުގެ އެއް އަމާޒުކަމުގައިވާ ދެމެހެއްޓެނިވި ކުރިމަގަކަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަން ފާހަގަކުރެއެވެ.
މި އެއްބސްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިވަގުތު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ސޮއިކުރެވުނު އެއްބަސްވުމެއްކަމަށް މައުލޫމާތުލިބެއެެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ.ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.