ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އިންޑިއާގެ އެހީ ހޯއްދަވަން ބޭނުންފުޅުވާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިހެން ވިދަޅުވީ، ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިސަރުކާރުން އިންޑިއާ އާއި ގުޅިގެން ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އިންޑިއާގެ އެހީ ހޯއްދަވަން ބޭނުންފުޅުވާކަމަށެވެ.
މީގެ އިތުރުން ފައިސަލް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިޝްތިހާރު ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށްވެސް ސަފީރު އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ޚާއްޞަކޮށް ރާއްޖޭގެ ރީތި ނަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް ފައިސަލް އެދިވަޑައިގެންނެވިއެވެ.
އިންޑިއާގައި ތައުލީމު ހާސިލުކުރަމުންދާ ރާއްޖޭގެ ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށްވެސް އެމަނިކުފާނު ސަފީރު އަރިހުގައި އެދި ވަޑައިގެންނެވިއެވެ.