މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުއައްޒަފުންނަށް ފައިސާ ދީގެން އަވަހަށް މުދާ ކްލިއަރ ކުރާ މައްސަލަ ރިޕޯޓު ކުރުމަށް ވަރަށް އަވަހަށް ހޮޓްލައިންއެއް ތައާރަފްކުރާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު ވިދާޅުވީ އެމްޕީއެލްގެ މުއައްޒަފުންނަށް ފައިސާދީގެން އަވަހަށް މުދާ ކްލިއަރ ކުރާ ވަހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި، މިފަދަ އަމަލުތައް ހިންގުމަށް ޖާގަ ދޭން ބޭނުން ނުވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ޚިދުމަތް ލިބިގަންނަން އަންނަ މީހުން އެގޮތަށް ނުކުރުމަށް އެދޭ ކަމަށާއި، މިގޮތަށް އަމަލު ކުރާ ނަމަ އެހެން ބަޔަށް އެތައް ގެއްލުމެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ މިފަދަ މައުލޫމާތުތައް ލިބޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް ވަރަށް އަވަހަށް ހޮޓްލައިންއެއް ގާއިމް ކުރާނެ ކަމަށެވެ.
"އެހެން ބައެއްގެ މުދާލަސްކޮށްފައި އަނެއް ބަޔެއްގެ މުދަލަށް މިދެވެނީ. އެކަން ހިނގާ ކަމަށްވަންޏާ އެކަން ރިޕޯޓު ކުރުމަށް ހޮސްޓްލައިންއެއް ސްޓަބްލިޝް ކުރާނަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ނުރަނގަޅު ތަސައްވުރު ސާފުކުރަން ބޭނުންވާ ކަމަށާއި، މިފަދަ މައުލޫމާތު އެނގޭނަމަ މިހާރު ވެސް ރިޕޯޓު ކުރުމުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ދާދި ފަހުން ރާއްޖެއަށް މުދާ ހިފައިގެން އައި ބޯޓެއް މާ ގިނަ ދުވަހު ބަނދަރުގައި އޮންނަން ޖެހުމުން ކޮންޓޭނަރުތައް ނުބާލައި ދިޔަ މައްސަލައަށް އަލިއަޅުއްވާލައްވައި ޝާހިދު ވިދާޅުވީ މިއީ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.
ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ޖުލައިގައި 260 ވަރަކަށް ކޮންޓެއިނަރ ހިފާގެންއައި ބޯޓެއް އޭގެން ހަތަރު ކޮންޓެއިނަރ ނުވަތަ ހަކޮންޓެއިންނަރ ހުސްކުރުމަށްފަހު، ބާކީ ހުރި ކޮންޓެއިނަރތައް ނުބޭލި ގިނަ ވަގުތު ބަނދަރުގައި އޮންނަން ޖެހުމުން ބޯޓު ފުރައިގެން ދިޔައީ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލްގައި އެންމެ ގިނަ ވެގެން އެއްފަހަރާ ޚިދުމަތް ދެވެނީ ދެބޯޓަށް ކަމަށާއި، ތިން ވަނަ ބޯޓު އޮންނަނީ ކިޔުގައި ކަމަށެވެ.
"ކޮންޓެއިނަރ ނޫން ގޮތަށް އައިސްފައި ހުރި މުދާ ވީހައިވެސް 24 ގަޑިއިރު ތެރޭގައި ދޫކޮށްލެވޭނެ. ފިނި ކުރި މުދާނެރުމަށް ވެސް އިސްކަން ދެން." ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ބަނދަރަށް މުދާ އުފުލާ ބޯޓުފަހަރު އާންމު ގޮތެއްގައި 10 ނުވަތަ 12 ވަރަކަށް ދުވަހު ބަނދަރުގައި އޮންނަން ޖެހެއެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް އެތައް ގެއްލުންތަކެއް ލިބޭ ކަމަށް އެމީހުން ބުނެއެވެ.