ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް އަވަސް ކުރުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކާގޯ އޮޕަރޭޝަން މުދާ އަރުވާ ބޭލުމުގެ މަސައްކަތްތައް މިހާރު ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ 2011 އިން 2018 އަށް ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރެވޭ މުދާ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ.
"ވިހި ފޫޓްގެ ކޮންޓެއިނަރއަށް ބަލާއިރު 2011 ވަނަ އަހަރު މިއުޅެނީ 147ގައި. އެހެން ނަމަވެސް 2018ގައި އެއަދަދު 326 އަށް އިތުރުވެފައި. އެހެންވީމަ ދެގުނައަށްވުރެ ވެސް ބޮޑު އަދަދެއް މިހުރީ ކާގޯ އަރުވާ ބާލާ ހުސްކޮންޓެއިނާރ އެރުވުމުގެ އަދަދު އިތުރުވެފައި." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކާގޯގެ އަދަދު އިތުރުވިއިރު އެމްޕީއެލްގެ މުދާ ބާލާ އަރުވާ ސަރަހައްދު ޖާގަ އިތުރެއް ނުވާ ކަމަށާއި، މިއީ ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ވިދާޅުވީ ވަސީލަތްތައް އިތުރުނުވާ ކަމަށާއި، ބޭނުން ނުކުރެވޭ ވަސީލަތްތައް ވެސް އެބަހުރި ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ މޫދާ ހުސްކުރުމަށް އަވަސް ކުރުމުގެ ގޮތުން ވަގުތުން އެޅޭނެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، ހަލާކުވެފައި ހުރި ވެހިލަކްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝާހިދު ވިދާޅުވީ 6 ނުވަތަ 5 ވެހިކަލް ހަލާކުވެފައިވާ ކަމަށާއި، ބޮޑު ހަތަރު ވެހިކަލް ބޭނުން ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޖާގައިގެ ގޮތުން ބޭނުން ނުކުރެވޭ ވަރަށް ވުރެ ބޮޑެތި ވެހިކަލް ކަމަށެވެ. އެއީ 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގެނަސްފައިހުރި ވެހިކަލްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަނދަރު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މިމަސައްކަތަށް ދާނެ ސީދާ ހަރަދު ވިދާޅުނުވި ނަމަވެސް 45 މިލިއަން އަށްވުރެ ބޮޑު ހަރަދެއްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބަނދަރު ސަރަހައްދުގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ހުރުމުން ވެހިކަލްތަކަށް މިހާރު ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިމަސައްކަތް މިއަހަރުގެ ތެރޭގައި ނިންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިމައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ތިލަފުށީގައި މުދާ ހުސްކުރުމަށް ޚާއްސަ ބަނދަރެއް ގާއިމް ކުރެވިގެން ކަމަށާއި، މިމަސަރުކާރުން އެމަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން 10 ނުވަތަ 5 އަހަރަށް ޕްލޭން ކުރެވިގެން ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެއަށް މިވަގުތު އަސްލުގައި ހެދިފައި ނެތް ޑީޓެއިލް ޑްރޯވިންއެއް އަދި އިންޖިނިއަރިން ޑްރޯވިންއެއް އަދި ބޯއޯކިޔޫއެއް އޭގެ ތަފްސީލީ ހިސާބުތަކެއް ހެދިފައި ނެތް. އެހެންވީމަ މިހާރު އެންމެ ފުރަތަމަ މަރުހަލާއަކަށް ކުރެހުމުގެ މަސައްކަތް އެހިސާބުން އެނގޭނީ ކިހައި ވަރެއްގެ ހަރަދެއް ހިގާނެ ކަން ފުރަތަމަ ފިޔަވައްސަށް." ޝާހިދު ވިދާޅުވިއެވެ.
ކުޅުދުއްފުއްޓާއި، އައްޑޫގެ ވިޔަފާރި ބަނދަރަށް އަލިއަޅުއްވާލައްވާ ޝާހިދު ވިދާޅުވީ ބޭރުން ކާގޯ ޑައިރެކްޓްކޮށް ގެންދަނީ މަދު ފަހަރަކު ކަމަށާއި، ގިނަ ފަހަރު ގެންދަނީ މާލެ ބަނދަރުން ދޯންޏެއްގައި ނުވަތަ ލޭންޑިން ކްރާފްޓެއްގައި ކަމަށެވެ.