މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލުން) މާލެއާ އަތޮޅު ތެރޭގައި ދެމުންދާ ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އައްޑޫގައި ބަހުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު ގަން، އިސްދޫ، ކަޅައިދޫ އަދި ފުވައްމުލަކުގައި ވެސް ބަހުގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ.
ޝާހިދު ވިދާޅުވީ ބަސް ދަތުރު ކުރުމަށް ގިނަ ޖޮންޖެހުންތައް ހުރި ނަމަވެސް މިމަސައްކަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދާ މިހާރު ވެސް ދިމާވާ މައްސަލަތައް ވަގުތުން ހައްލު ކުރެވޭނެ ކަންކަމަށް އެޓެންޑްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ މާލޭގައި ސްކޫލު ކުދިންނަށް ޔުނިފޯމްގައި ހިލޭ ދަތުރު ކުރެވޭއިރު، އައްޑޫގައި ސްކޫލު ކުދިންގެ އަތުން މަހަކު 300 ރުފިޔާ ނަގާ މައްސަލަ ބައެއް ފަރާތްތަކުން ނަގަމުން އަންނަ ކަމަށެވެ. ނަމަވެސް ޝާހިދު ވިދާޅުވީ އައްޑޫ އަތޮޅުގައި ސްކޫލު ކުދިންނަށް ދެވޭ ބަހުގެ ޚިދުމަތާއި މާލޭގައި މިދެވޭ ޚިދުމަތަކީ ތަފާތު ދެޚިދުމަތެއް ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫގައި އާންމުންނަށް ދެވޭ ބަހުގެ ޚިދުމަތުގެ އިތުރުން ސްކޫލު ކުދިންނަށް ޚާއްސަކޮށްގެން ބަހުގެ ޚިދުމަތްދޭ ކަމަށެވެ.
"އެއީ އެކުދިންގެ ގޭކައިރި ސަރަހައްދުތަކުން ކުދިން ނަގައިގެން ގެންގޮސް އެސްކޫލަކަށް ލައިދިނުން. އެސްކޫލު ފެށޭ ގަޑިއަށް. އަދި ނިމޭގަޑީގައި ސްކޫލު ކުދިން ނަގައިގެން ގޮސް އެކުދިންގެ ގޭގޭ ސަރަހައްދުތަކަށް އެކުދިން ބާލަދިނުން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫއިން ހިތަދޫއަށް އަދި ހިތަދޫއިން ފޭދޫއަށް އާންމުންނަށް ދެވޭ ބަހަށް ސްކޫލު ޔުނިފޯމްގައި ސްކޫލް ކުއްޖެއް އަރައިފިނަމަ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އާންމުންނަށް ދެވޭ މިބަހުގެ ޚިދުމަތުގައި އޮންނާނީ މާލޭގެ ވެސް އޮންނަ އުސޫލު ކަމަށް އޭނާ ވިދާޅުވިއެވެ.