ޒިމްބާބްވޭގެ ސަރުކާރުން އެ ގައުމުގައި ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ދެ ގުނައަށް ބޮޑުކުރަން ނިންމުމާއި ގުޅިގެން، މުޅި ދުނިޔޭގައި ވެސް މި ބާވަތްތަކުގެ ހަކަތަ އެންމެ އަގު ބޮޑުކޮށް ލިބޭ ގައުމަކަށް އެ ގައުމު ވެއްޖެއެވެ.
މި ތަކެތިން އަގު ބޮޑު ކުރަން ނިންމުމާއި ގުޅިގެން، އެ ގައުމުގެ މަސައްކަތު މީހުން ވަނީ ތިން ދުވަހަށް ދެމިގެންދާނެ ހަޅުތާލެއް އިއުލާން ކޮށްފައެވެ. އަދި ސަރުކާރުގެ މި ނިންމުމާއި ދެކޮޅަށް އެ ގައުމުގެ އެކި ހިސާބުތަކުގައި މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ.
އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުން އަންނަ ޒިމްބާބްވޭގައި ބޭރު ފައިސާ ނުލިބުމާއި ގުޅިގެން ކުންފުނިތަކަށް ބޭނުންވާ ރޯ މެޓީރިއަލްސް ނުގަނެވި، ގިނަ ކުންފުނިތަކުން ވަނީ އެ މީހުންގެ ކާރުހާނާތައް ބަންދުކޮށްފައެވެ.
މި ހަފްތާ ބަންދުގެ ތެރޭގައި ޒިމްބާބްވޭގެ ސަރުކާރުން ވަނީ، އެ ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތަކާއި ފޮރިން އެކްސްޗޭންޖުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އައު ފައިސާއެއް ތައާރަފްކުރާނެކަން އިއުލާންކޮށްފައެވެ.
މިކަމާއި ގުޅިގެން އެ ގައުމުގެ ރައީސް އެމަރސަން ނަންގާވާ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އަގުތައް ބޮޑުކުރަން ނިންމެވީ ޕެޓްރޯލާއި ޑީސަލު ހުސްވެދާނެ ކަމުގެ ބިރު ބޮޑުވުމާއި ގުޅިގެން ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވެން އޮތް ހަމައެކަނި ގޮތް ކަމަށް ވެސް ނަންގާވާ ވިދާޅުވިއެވެ.
ޒިމްބާބްވޭގައި މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 3.33 އެމެރިކާ ޑޮލަރަށް (51.47 ރުފިޔާ) އެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 3.11 އެމެރިކާ ޑޮލަރަށް (48.07 ރުފިޔާ) އެވެ.
ޒިމްބާބްވޭގައި ޕެޓްރޯލާއި ޑީސަލުގެ އަގުތައް ބޮޑުކުރުމުގެ ކުރިން، ދުނިޔޭގެ އެންމެ ބޮޑު އަގެއްގައި ޕެޓްރޯލް ލިބެނީ ހޮންކޮންގްއިންނެވެ. އެ ގައުމުގައި ޕެޓްރޯލް ލީޓަރެއް ލިބެނީ 2.04 އެމެރިކާ ޑޮލަރަށް (31.53 ރުފިޔާ) އެވެ.