ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގގެ ތިރީގައި ބަހައްޓާފައި ހުރި މުއްދަތު ހަމަވެފައިވާ ބޭސްފުޅިތަކެއްގެ ތެރެއިން ފުޅިއެއް ފަޅައިގެން ގޮސް ދެ މީހަކަށް ފަރުވާ ދޭންޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ހެލްތު މިނިސްޓްރީ ހިންގާ ހ. ރޯޝަނީ ބިލްޑިން ތިރީގައި މުއްދަތު ހަމަވެގެން އުކާލަން ބަހައްޓާފައި ހުރި މަދިރި ބޭސްފުޅިތަކެއްގެ ތެރެއިން، ފުޅިއެއް ލީކުވެ، އޭގެ އަސަރުކޮށްގެން ދެ އަންހެނަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސިފައިން އެތަނަށް ގޮސް، މަދިރި ބޭސް ލީކުވުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގައި ތިބި މުވައްޒަފުން މިހާރު ވަނީ ހުސްކޮށްފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/1547545194.jpg)
މުއްދަތު ހަމަވެގެން އެ ތަނުގައި ބަހައްޓާފައި ހުރީ 40 ފުޅި ކަމަށާއި އޭގެ ތެރެއިން ލީކުވީ އެންމެ ފުޅިއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އެ ބޭސްފުޅިތައް ނައްތާލުމަށްޓަކައި ތިލަފުށްޓައް ގެންދިޔުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.