އެމްޕީއެލްގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއަށް އެމްޕީއެލުން ވަދެފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެމްއެމްޕީއާރްސީން ޑޮލަރު ގަތުމުގެ ބޭނުމުގައި 160 ވަރަކަށް މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 80 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށެވެ. ޝާހިދު ވިދާޅުވީ އެފައިސާ ހޯދުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އެ ފައިސާތައް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އެމްޕީއެލްގެ ތެރޭގައި މިފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގިއަސް ނުދިނުމަށް އެ ކުންފުނިން ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މިހާރު ވެސް ކުންފުނީގެ ބޯޑުގެ ލެވަލްގެ އިތުރުން މެނޭޖްމެންޓް އަދި ސްޓާފުންގެ ލެވަލްގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެމްޕީއެލްގެ ހިންގުމާއި ގަވަރނަންސް ހަރުދަނާ ކުރާނެ ކަމަށާއި، ކޯޕަރޭޓިވް ގަވަރނަންސް ކޯޑާއި އެއްގޮތަށް 100 އިންސައްތަ ކުންފުންޏަކަށް އެމްޕީއެލް ބަދަލުކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުންފުނީގެ އޮޑިޓް ހަރުދަނާ ކުރާނެ ކަމަށާއި، ކުންފުނީގެ އިންޓަރނަލް ޑިޕާޓްމެންޓަކީ މެނޭޖްމެންޓުން ބޭރުން ބޯޑަށް ރިޕޯޓު ކުރާ ޑިޕާޓްމެންޓެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.
"އެގޮތުން އެގެނެވޭ ބަދަލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ރިޕޯޓިން އަދި އަޅުގަނޑުމެންގެ އެކައުންޓިން އަދި އަޅުގަނޑުމެންގެ އޮޑިޓިން ފަންގްޝަންތައް އަޅުގަނޑުމެން ވަރުގަދަ ކުރާނަން. ކުރިއަށް އޮތްތާގައި އެކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް. ދެން އޭގެ އިތުރަށް އަޅުގަނޑުމެން ހަމަ މުއައްޒަފުންނަށް ވެސް މުއައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް އެކަހަލަ އެއްޗެހި ވަރަށް ތަފްސީލުކޮށް ކިޔައިދީ މުއައްޒަފުން ހޭލުންތެރިކުރުވާނެ. ކުންފުނީގެ ތެރެއިން އެކަހަލަ ކަމެއްވިޔަ ނުދޭން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލްގައި ކޮރަޕްޝަންގެ ރިކޯޑެއް ހުރި މީހަކު އެކުންފުނީގެ ވަޒީފާއި ނުހުންނާނެ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ނުވަތަ ސަރުކާރުން އިދާރާއަކުން ކޮރަޕްޝަންގެ ތުހުމަތުކޮށް، މައްސަލައެއް ދިމާވެއްޖެ ނަމަ ކުންފުނީގެ އުސޫލުގެ ތެރެއިން އެ މީހަކާ މެދު ފިޔަވަޅު އެޅި ވަޒީފާއިން ވަކި ކުރާނެ ކަމަށެވެ.