ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެންގެވުމަށް ހިންގެވި ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިންސްޕެކްޝަންތައް ނިންމައި، ރައީސް އޮފީހަށް ރިޕޯޓު ހުށަހަޅުއްވައިފިއެވެ.
ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓް ކުރުމަށް ރައީސް ސޯލިހު އެންގެވީ ހިނގާފައި ދިޔަ ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ފަރުވާ ދެމުންދަނިކޮށް، މަރުވުމުންނެވެ. ރައީސްގެ އެންގެވުމަށް ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފެށީ ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން އެމްއެންޑީއެފް ގުޅިގެންނެވެ.
މިިދިޔަ މަހުގެ 18 ވަނަ ދުވަހު ފެށި އިންސްޕެކްޝަންގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ހުރި ކޮންސްޓްރަކްޝަންސް ސައިޓުތައް ބަލައި، މައްސަލަތައް ދެނެގެންފައި ވެއެވެ.
އެ މަސައްކަތުގައި އުޅުއްވި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ 473 ސައިޓު އިންސްޕެކްޓްކޮށްފައިވާނެ ކަމަށާއި ބައެއް ސައިޓުތަކުގެ މަސައްކަތް ހުއްޓުވައި ކަންކަން އިސްލާހު ކުރަން ވެސް އަންގާފައިވާނެ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުތަކުން އިސްލާހު ކުރަން އެންގި ކަންތައްތައް، ބުނި މުއްދަތުގެ ތެރޭގައި އިސްލާހުކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިންސްޕެކްޝަނާ ގުޅިގެން، ވަރަށް މަދުތަކެއް ފިޔަވައި ދެ ވަނަ ފަހަރަށް [އިސްލާހު ކުރަން] އަންގާކަށް ނުޖެހޭ. އެވްރެޖުކޮށް ގިނަ ތަންތަން ހުންނަނީ ސޭފްޓީ ކަންތައްތަކާ އެއްޗެހި ނިންމާފައި. އެއީ ވަރަށް ބޮޑު ކުރި އެރުމެއް،" މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު ވިދާޅުވިއެވެ.
އިންސްޕެކްޝަންތަކުން ފާހަގަވި ކަންތައްތަކުގެ ތެރޭގައި ގަވާއިދުތަކާއި ގާނޫނުތަކަށް ރަނގަޅަށް އަހުލުވެރިވެފައި ނެތުމުން، ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އެ ސަބަބާ ހުރެ، އެ ކުންފުނިތަކުގެ ސުޕަވައިޒަރުން، ކުންފުނިތަކުން އަމިއްލައަށް ތަމްރީނު ކުރާ ކަަމަށެވެ.
އިމާރާތް ކުރުމުގެ ގާނޫނަށް ހިލާފަށް ހުރި ކަންތައްކާއި ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅި ހުރި ސަބަބުތައް ދެނެގަތުމަށް ފެށި އިންސްޕެކްޝަންތައް ނިންމައި، އެކަމުގެ ރިޕޯޓް ތައްޔާރުކޮށް، ރައީސް އޮފީހާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.