އިމާރާތް ކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ހުރިހާ ޤަވާއިދުތަކެއް އަންނަ މަހުގެ 15ގެ ކުރިން ފާސްކޮށް ނިންމާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އިމާރާތް ކުރުމުގެ ޤަވާއިދުތަކާ ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ޕްރައިވެޓް ސެކްޓަރގައި ފުންނާބު އުސް ބޭފުޅުން ތިއްބެވި ކަމަށާއި، ޤަވާއިދުތައް ފާސްކުރުމުގައި އެބޭފުޅުންގެ ލަފަޔާއި އިރުޝާދު ބޭނުންވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި އިމާރަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނުވެރި ބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި އިމާރަތް ކުރާ ތަންތާނގައި ސަލާމަތީ މިންގަނޑުތައް އެކަށީގެންވާ ގޮތެއްގައި އަޅާފައި ނުހުންނަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
" ބޮޑު ކޮންސްޓްރަކްޝަން ސައިޓެއް މުޅި މާލެއަކީ. އަޅުގަނޑުުމެން އެންމެންނަށްވެސް އެނގޭ އެތަންތަނުގެ ސޭފްޓީ ހުންނަނީ އެންމެ ރަނގަޅަކަށް ނޫންކަން. މަސައްކަތްތައް ކުރެވެނީކީ އެއީ އާންމުންނަށް އޮންނަ ސޭފްޓީއާ ތަނުގަ މަސައްކަތް ކުރާ މީހުންގެ ސޭފްޓީއާ، ސްޓޭންޑަރޑާއި ހުންނަނީ އެންމެ ރަނގަޅަށް ނޫންކަން އަޅުގަނޑުމެންނަށް އެނގޭ. " މިނިސްޓަރ ވިދާޅުވިއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1547527985.jpg)
ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ބައްދަލުވުންތަކުގައި 13 ޤަވާއިދެއް ފާސްކުރަން ނިންމާފައިވާއިރު، ފުރަތަމަ ދުވަހު އިމާރާތް ކުރުމުގެ ހުއްދަތައް ދޫކުރާ އިދާރާތައް ރަޖިސްޓްރީ ކުރުމާއި، އިމާރާތް ކުރާ ދާއިރާގެ ފަންނުވެރިންނާއި އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމާ ގުޅޭ މުހިއްމު ޤަވާއިދުތަކެއް ހުށައަޅައި ބައްދަލުވުމުގެ ބައިވެރިންގެ ހިޔާލު ހޯދުން ހިމެނެއެވެ.