މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެންކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ރާއްޖޭގެ ގިނަ ދޯނިފަހަރުގައި ދެތިން ބިދޭސީން ތިބޭކަމަށެވެ. އެގޮތުން ދޯނި ބެލެހެއްޓުމާއި ފަޅުވެރިންނަށް ކައްކައިދިނުމާއި، ދޯނި ސާފުކުރުމުގައިވެސް ބިދޭސީން ހަރަކާތްތެރިވާކަމަށެވެ.
ގަވާއިދުގައި ބުނާގޮތުން ދޮށީގެ މަސްވެރިކަމުގައި ބިދޭސީންނަށް ބައިވެރި ނުވެވޭނެކަމަށާއި، އެކަމަކުވެސް އެމީހުން އެކަމުގައި ބައިވެރި ވާކަން ނުވަތަ ނުވާކަން އެނގިވަޑައި ނުގަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންނާއި މަސްވެރިންނާއި ބައްދަލުވާއިރު އެބޭފުޅުން އެބަ ބޭނުންފުޅުވޭ މިފަދަ މީހުން. އެހެންވީމާ މިހާރު އަޅުގަނޑުމެންނަށް ދޯނިތަކުގައި މި ގެންގުޅެވެނީކީ ގަވާއިދަކާއި އެއްގޮތަކަށް ނޫން.އެހެންވީމައި އޮޑިވެރިން އެދިވަޑައިގަންނަވާ ކަމަށްވާނަމަ މީތި ޖެހޭނީ ސިސްޓަމެއްގެ ތެރެއަށް ވައްދާފައި ގަވާއިދުން ގެންގުޅުއްވަން. އެއިކީވެސް ނުވާނެކަމެއްނޫން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ދޯނިފަހަރުގައި ބިދޭސީން ގެންގުޅުމަކީ ނުވާނެކަމެއް ނޫން ކަމަށާއި، އެކަމަކީ މަސްވެރިންނާއި އޮޑިވެރިން ބޭނުންކަމަށްވާނަަމަ، އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާކުރެވިގެން ކުރެވިދާނެކަމެއް ކަމަށެވެ. އަދި އޭރުން ގަވާއިދާއި ޚިލާފަށް ދޯނީގައި ބިދޭސީން ނުތިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖޭގެ ގިނަ އޮޑިވެރިން ދޯނިފަހަރުގައި ދެތިން ބިދޭސީން ގެންގުޅެން ބޭނުންވާކަމަށާއި، ރާއްޖޭގެ ކަންތައްތައް ހުރީ ބިދޭސީންނާ ނުލައި ނޫޅެވޭ ވަރުވެފައިކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅު، މިމޭރުމުން ހުރިނަމަވެސް ރާއްޖޭގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭތީ ގިނަބަޔަކު އެކަމާއި ނުރުހުން ފާޅުކުރެއެވެ. އަދި މަސްވެރިކަމަކީ ސައްތައިންސައްތަ ދިވެހިން ކުރާމަސައްކަތަކަށް ހެދުމަށް ގިނަ ބަޔަކު ގޮވާލައެވެ.