ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އައު ސެކެޓްރީ ޖެނެރަލް (އެސްޖީ) އަކަށް ކުރީގެ އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އައްޔަނު ކޮށްފިއެވެ.
ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގައި، މަތީން އެ ޕާޓީގެ އެސްޖީއަކަށް އައްޔަނުކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މުންދު އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޔާމިން އިސްވެ ހުންނަވާ އުފެއްދެވި އައު ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅުމަށެވެ.
PPM ge SG kamun isthiufaa dhee, PPM in vakivumah fahu, @mundhu_maldives mivanee @congress_mv aa rasmeegothun gulhivadaigenfa. Marhabaa Mundhu.#PNC #CongressEid pic.twitter.com/2C8PXcm1Ha
— Azhart (@Azhartu) January 12, 2019
ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ، އެސްޖީގެ މަތީން ހޮވިވަޑައިގެންނެވީ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ޕީޕީއެމްއިން ވަކިވުމަށް ފަހު މި ބައްދަލުވުމުގައި އަލުން ގުޅިވަޑައިގެންނެވި މަތީން ވިދާޅުވީ ސެކެޓްރީ ޖެނެރަލްއެއް އައްޔަނު ކުރަން ނިންމީ ޕާޓީގެ ހިންގުމަށް ހުސްކަމެއް އައިސްފައި އޮތުމުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފަހުން ގިނަ ގޮންޖެހުންތަކަކާއި އެ ޕާޓީއަށް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ނަމަވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރި ވުމުގައި ދެމިތިބޭނެ ކަމަށެވެ.
މަތީން ވަނީ ޕީޕީއެމް ވަރުގަދަ ޒިންމާދާރު ސިޔާސީ ޕާޓިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ޕާޓީއާއި ކުރީގެ ރައީސް ޔާމިންއަށް ތާއިދުކުރާ ފަރާތްތަކަށް ޔަގީންކަން އަރުވާފައެވެ. އަދި ޕީއެންސީ ވުޖޫދަށް ގެނައީ ޕީޕީއެމް ދޫކޮށްލާފައި ދިޔުމަށް ނޫން ކަމަށާއި، އެއީ ޕީޕީއެމްގެ ގޮތިގައި ކުރިޔަށް ނުދެވިއްޖެ ހާލަތެއްގައި ރައީސް ޔާމިންއާއި އެ މަނިކުފާނުގެ ސަޕޯޓަރުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަގީން ކަން އެރުވުމަށް އުފައްދާފައިވާ ޕާޓީއެއް ކަމަށް މަތީން ވިދާޅުވިއެވެ.
"ޕީޕީއެމްއަށް މިހާރު އޮތް ގޮތަށް ކުރިޔަށް ނުދެވޭނެ ކަމަށް ފެންނަކަމުގައި ވަންޏާ، އައު ސިޔާސީ ޕާޓީއެއް ހަދައިގެން ވެސް ރައީސް ޔާމިންއާއި ރައީސް ޔާމިންގެ އަރިހުގައި ތިއްބެވި ބޭފުޅުން އަދި ރައީސް ޔާމިންގެ ސަޕޯޓަރުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެރުވުމަށްޓަކައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މި ކުރަނީ" މަތީން ވިދާޅުވިއެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންއިން އެ ޕާޓީއަށް ފިއްތުންތައް ކުރިމަތި ކުރަމުން ދިޔުމާއި ގުޅިގެންނާއި ޕާޓީއަށް ލިބެން ޖެހޭ ފައިސާ ނުލިބި އޮތުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅަން ނިންމާފައިވާ ކަމަށް ވެސް މަތީން ވިދާޅުވިއެވެ.
"ޕާޓީއަށް މިހާރު ގާނޫނީ ގޮތުން ދައުލަތުން ލިބެންޖެހޭ އާމްދަނީ، އަދި އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކުރިމަތިވެފައިވާ ބައެއް ކަހަލަ ކަންތައްތަކާއި ބެހޭގޮތުން ކޯޓަށް ދިޔުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކައުންސިލުން މިރޭ ވަނީ ނިންމާފައި" މަތީން ވިދާޅުވިއެވެ.
ރައީސް ޔާމިންއަށް ތާއީދުކުރާ ޕީޕީއެމްގެ ގިނަ ބޭފުޅުންތަކެއް ޕީއެންސީއާއި ގުޅުމާއި ގުޅިގެން، މި ބައްދަލުވުމުގެ ކޯރަމް ހަމަނުވެދާނެ ކަމުގެ ބިރުވެސް އޮތީ ހީވެފައެވެ. ޔާމިންއާއި އަރިސް ޕީޕީއެމްގެ އިސް ގިނަ ފަރާތަކުން ވަނީ ޕީޕީއެމް ދޫކުރެއްވުމަށް ފަހު، ޕީއެންސީއާއި ގުޅިވަޑައިގަންފައެވެ.
ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ވަނީ ބާއްވައިފައެވެ. އަދި މި މައްސަލައިގެ ތެރެއަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ތަދައްހުލްވެވަޑައިގެންފައެވެ.