އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް އެކުލަވާލާފައިވާ އެއްބަސްވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ރުހުން ހޯއްދެވުމަށް ކުރައްވާ މަސައްކަތުގައި އަންގާރަ ދުވަހު އޮންނަ ވޯޓުގައި ވެސް މެމްބަރުންގެ "އާނ ބަސް" ލިބިވަަޑައިިނުގެންފާނެ ކަމަށް ފެންނަން ފަށާފައިވަނިކޮށް ޤައުމަށްޓަކައި އެ އެއްބަސްވުމަށް ވޯޓް ދެއްވުމަށް ބޮޑުވަޒީރު ތެރީސާ މޭ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އީޔޫ އިން އިނގިރޭސި ވިލާތް ވަކިވުމަށް ފުރުސަތު ދިނުމަށް ވުރެ ވަކިވުމުގެ އެއްބަސްވުމަކަށް ނުދެވުމުގެ ފުރުސަތާ ބެހޭ ގޮތުން ބޮޑުވަަޒީރު މޭ ހޯމަ ދުވަހު ގާނޫނުހަދާ މަޖިލީހުގައި ތަގުރީރުކުރައްވަމުން ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ތަންފީޒު ނުކުރެވިއްޖެ ނަަމަ ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެކަން ފާހަގަކުރައްވާފައެވެ.
އެއްބަސްވުމާއެކު ނޮދަރން އަޔަރލޭންޑް މައްސަލައިގައި ލުއިތަކެއް ލިބޭނެ ކަމަށް އީޔޫއިން ދީފައިވާ ޔަގީން ކަމަށް މެމްބަރުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އީޔޫ އިން އިނގިރޭސި ވިލާތް ވަކިވުމަށް ފަހު ވެސް ނޮދަރން އަޔަރލެންޑް ގެ ސަރަހައްދީ ރޮނގާއި ކަސްޓަމްސްގައި ވަކި މުއްދަތަކަށް އިނގިރޭސި ވިލާތައް ލުއިގޮތް އޮންނާނެކަން އީޔޫ އިން މޭއަށް ފޮނުވާފައި ސިޓީއެއްގައި ވެއެވެ.
މޭގެ ހުށަހެޅުއްވުމަށް ޤާނޫނުހަދާ މަޖިލީހުގެ ރުހުން ނުލިބިއްޖެ ނަމަ އެ ކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް ލޭބަރ ޕާޓީން ވަނީ އިންޒާރުދީފައެވެ.
ލޭބަރ ޕާޓީގެ ލީޑަރ ޖެރެމީ ކޯބީން ވިދާޅުވެފައި ވަނީ އެ ޕާޓީން ވޯޓުދޭނީ މޭ ހުށަަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ދެކޮޅަށް ކަމަށާއި އަދި ވޯޓް ކާމިޔާބު ނުކުރެއްވިއްޖެ ނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެ ޕާޓީން މަސައްކަތްކުރާނީ އާއްމު އިންތިިޚާބަކަށް ދިއުމަށް ކަމަށެވެ.
ބްރެކްސިޓްއަކީ އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމަށް އެ ގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ.
އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.
T