އދ.ހަންޏާމީދޫ ސުކޫލްގެ ގްރޭޑް ހަތަރެއް އަދި ފަހެއްގެ އެއްވެސް ދަރިވަރަކު މިއަދު ވެސް ސުކޫލަކަށް ނުފޮނުވާކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް ވިދާޅުވީ އާދިއްތަ ދުވަހެކޭ އެއްގޮތަށް މިއަދު ވެސް މި ގްރޭޑްގެ ކުދިން ސްކޫލަށް ނުފޮނުވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، މަލްޓި-ގްރޭޑް ސިސްޓަމަށް އެރަށުގެ ސްކޫލުގައި ކިޔަވައިދިން ކަމަށާއި، މީގެ ކުރިން މިފަދަ މައްސަލައެއް ދިމާނުވާ ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރު ގްރޭޑް ހަތަރެއް އަދި ފަހަކަށް އެއްކޮށް ކިޔަވައިދޭން ފެށުމުން، އެ ގްރޭޑްތަކުގެ ދަރިވަރުންގެ ނަތީޖާ ދެއްކީ ވަރަށް ދަށްކޮށްކަމަށްވާތީ މި އަހަރު އެ ދެ ގްރޭޑް އެއްކޮށްގެން ކިޔައިވައިދޭން ބެލެނިވެރިން ދެކޮޅު ހަދައި ދަރިވަރުން ސްކޫލަށް ނުފޮނުވީކަމަށް ނާޒިމް ވިދާޅުވި އެވެ.
"މީގެ ކުރިން މިގްރޭޑްގެ ބެލެނިވެރިން މިމައްސަލަ ނެގި ކަމެއް އަޅުގަނޑަކަށް ނޭނގެ. ތަންކޮޅެއް ކުރިން ސްކޫލުގެ ސަމާލުކަމަށް މިކަން ގެނައި ނަމަވެސް ހައްލު ލިބޭނެ ކަމަށް ގަބޫލު ކުރަނީ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިއަދުގެ އެރަށް އޭޑިޔުކޭޝަން މިނިސްޓްރީގެ ޓީމެއް ވަޑައިގަންނަވާނެ ކަމަށާއި، މި ދެ ގްރޭޑް ބެލެނިވެރިންނާއި ބައްދަލުކުރުމަށްފަހު މިމައްސަލައަށް ހައްލު ހޯދާނެ ކަމަށެވެ.
ސްކޫލާ ހަވާލާދީ ނާޒިމް ވިދާޅުވީ އާދިއްތަ ދުވަހު ދަރިވަރުން ސްކޫލަށް ނުފޮނުވުމުން ސްކޫލުން ވެސް ބެލެނިވެރިންނާއި ބައްދަލުކޮށް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވި ކަމަށެވެ.
ހަންޏާމީދޫ ސްކޫލްގައި 110 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު، ގްރޭޑް ހަތަރެއް އަދި ފަހެއް އެއްކޮށްލައިގެން ކިޔަވާ 18 ދަރިވަރުން އުޅެ އެވެ.