އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ބޮޑުވަޒީރު ތެރީސާ މޭ ހައްދަވާފައިވާ އެއްބަސްވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ރުހުން ހޯއްދެވުމަށް ކުރައްވާ މަސައްކަތުގައި އަންގާރަ ދުވަހު އޮންނަ ވޯޓުގައިވެސް މެމްބަރުންގެ އާނ ބަސް ލިބިވަަޑައިިނުގެންފާނެ ކަމަށް ފެންނަން ފަށައިފިއެވެ.
އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ފުރުސަތު ދިނުމަށްވުރެ ވަކިވުމުގެ އެއްބަސްވުމަކަށް ނުދެވުމުގެ ފުރުސަތާ ބެހޭ ގޮތުން ބޮޑުވަަޒީރު މޭ ހޯމަ ދުވަހު ގާނޫނުހަދާ މަޖިލީހުގައި ތަގުރީރުކުރައްވާނެއެވެ.
ރައްޔިތުންގެ ފެންނަ ނުފެން ވޯޓުގެ ނަތީޖާ ތަންފީޒު ނުކުރެވިއްޖެނަަމަ ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެކަން މޭގެ ވާހަކަފުޅުގައި ފާހަގަކުރައްވާނެއެވެ.
މޭގެ ހުށަހެޅުއްވުމަށް ޤާނޫނުހަދާ މަޖިލީހުގެ ރުހުން ނުލިބިއްޖެނަމަ އެ ކަމަނާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާނެކަމަށް ލޭބަރ ޕާޓީންވަނީ އިންޒާރުދީފައެވެ.
ލޭބަރ ޕާޓީގެ ލީޑަރ ޖެރެމީ ކޯބީން ވިދާޅުވެފައިވަނީ އެ ޕާޓީން ވޯޓުދޭނީ މޭ ހުށަަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ދެކޮޅަށްކަމަށާއި އަދި ވޯޓް މޭއަށް ކާމިޔާބު ނުކުރެއްވިއްޖެނަމަ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި އެ ޕާޓީން މަސައްކަތްކުރާނީ އާއްމު އިންތިިޚާބާކަށް ދިއުމަށްކަމަށެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ނަގަން ހަމަޖެހިފައި އޮތް "ބްރެކްސިޓް" ގެ އެއްބަސްވުމާއި ބެހޭ ވޯޓު ނެގުން ބޮޑުވަޒީރު ތެރީސާ މޭވަނީ މަޑުޖައްސާލައްވާފައެވެ.
ވޯޓްނެގުން އޭރު މަޑުޖައްސާލަމުން މޭ ވިދާޅުވީ ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. މިހާރު މިއޮތް ގޮތަށް މި އެއްބަސްވުން ތަސްދީގު ކުރަން މަޖިލީހުގައި ވޯޓަށް އަހައިފިނަމަ ފާސް ނުވާނެކަމަށްވެސް އެކަމަނާ ވަނީ އިއުތިރާފު ވެވަޑައިގެންފައެވެ.
އޭރު މޭ ވިދާޅުވެފައިވަނީ ވޯޓު ނެގުން ޖެނުއަރީ 21ގެ ކުރިން އޮންނާނެ ކަމަށެވެ. އަދި މާޗު މަހުގެ 29ގެ ކުރިން އިނގިރޭސި ވިލާތް އީޔޫއިން ވަކިވާނެ ކަމުގެ ޔަގީންކަން ވެސް މޭ ވަނީ އަރުވާފައެވެ.
"ބްރެކްސިޓް"ގެ އެއްބަސްވުމާއި ބެހޭ ވޯޓު ނެގުން ފަސްވުމުން ބޮޑުވަޒީރު ތެރީސާ މޭގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ޑިސެމްބަރު މަހުވެސް ހުށަހެޅުއްވިއެވެ.
ނަމަވެސް އިދިކޮޅު އެހެން ޕާޓީތަކުން ވަނީ މުޅި ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ގޮތަށް އެ މައްސަލަ ބަދަލުކުރުމަށް ލޭބަރއަށް ބާރު އަޅާފައެވެ. މުޅި ސަރުކާރުގެ މައްޗަށް އިތުބާރުނެތް ކަމަށް ފާސްވެއްޖެ ހާލަތެއްގައި އާންމު އިންތިހާބެއް ބާއްވަން މަޖުބޫރު ވާނެއެވެ.
ޑިސެމްބަރު މަހު ކުރީކޮޅު މޭގެ ކޮންޒަރވެޓިވް ޕާޓީންވެސް ވަނީ އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ނަގާފައެވެ. މި ވޯޓުން އެކަމަނާ ސަލާމަތްވެ ވަޑައިގެންނެވި އިރު، މޭއާއި ދެކޮޅަށް ވޯޓު ދެއްވި ކޮންޒަރވެޓިވް ޕާޓީގެ މެމްބަރުން ވެސް ވިދާޅުވެފައިވަނީ ލޭބަރ ޕާޓީގެ ވޯޓު ކާމިޔާބު ވިޔަ ނުދޭނެ ކަމަށެވެ.
ބްރެކްސިޓްއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ނިންމީ އެ ގައުމުގެ އިގްތިސާދަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ. ނަމަވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އިގްތިސާދަށް އެންމެ ރަނގަޅު ގޮތަކީ އީޔޫގައި ދެމިއޮތުމެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާމެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.