ބަންގްލަދޭޝް އިން ރާއްޖެއައި އުމުރުން 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރިވސް އިން ބުނީ ޖެނުއަރީ 12 ވަނަ ދުވަހު ބަނގްލަދޭޝް އިން ރާއްޖެއައި މި މީހާގެ ޢަމަލުތައް ހުރި ގޮތުން އޭނާއާއި މެދު ޝައްކު ކުރެވިގެން ބަލާ ފާސްކުރުމުން އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ޕެކެޓްތަކެއްގައި މުށި ކުލައިގެ ފަތްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ވަނީ މި މަހުގެ 10 ވަނަ ދުވަހު ރާއްޖެއަށް އެތެރެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި އެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވަނީ ރާއްޖެ އައި އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންނެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.