ކުޑަކުދިންގެ އަދުލުގެ ގަވާއިދުގެ ނަމުގައި ސްޕްރީމް ކޯޓުން އާ ގަވާއިދެއް އެކުލަވާލައިފިއެވެ.
މި ޤަވާޢިދަކީ ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އެންމެހައި އުޞޫލުތައް ބަޔާންކުރާ ޤަވާޢިދެވެ.
މި ގަވާއިދުގެ މަގްސަދުކަމަށް ބުނެފައިވަނީ، ކުޑަކުދިން ކަމުގައި ބުނާ ކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަޙްޤީޤުތައް ކުރިއަށް ގެންދިއުމާއި، ދަޢުވާ އުފުލުމާއި، ޝަރީޢަތް ހިންގުމުގައި މުއައްސަސާތަކުގެ މެދުގައި އެއް އުޞޫލުތަކެއް ޤާއިމްކުރުމަށް މަގުފަހިކުރުމާއި، އެކަށީގެންވާ އަވަސް މިނެއްގައި ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ތުހުމަތުތަކުގެ ތަޙްޤީޤާއި، ދަޢުވާކުރުމާއި ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.
ކުޑަކުދިންނަކީ ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބިދޭންޖެހޭ ބަޔަކަށްވާތީ، ޖިނާއީ ޢަދުލުގެ ހުރިހާ މަރުޙަލާއެއްގައިވެސް އެކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެފަދަ ގޮތެއްގެމަތިން ޢަމަލުކުރުންކަމަށްވެސް މި ގަވާއިދުގެ މަގްސަދުގައި ބުނެފައިވެއެވެ.
ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމަކީ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭ ނިޒާމަކަށްވާތީ، އެކުދިންގެ އިޞްލާޙީ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް މަގުފަހިކުރުމާއި، އަދި އެ މަސައްކަތުގައި މުއައްސަސާތަކުގެ މެދުގައި އެއް ތަޞައްވުރެއް އޮތުމާއި، މުއައްސަސާތަކުގެ މެދުގައި ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިކުރުންވެސް މި ގަވާއިދުގެ މަގުސަދެއްކަމުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ސާރކިއުލާއަކުން އާދިއްތަ ދުވަހު އާއްމުކުރި މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ޖެނުއަރީމަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށް އެކޯޓުން ވަނީ ބުނެފައެވެ.