އަލަށް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.
އާދިއްތަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އިނާމާ ބެހޭ ކޮމިޓީތަކުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ހަމަހަމަކަމާއި އިންސާފާއެކު ކުރިޔަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމަށާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލުކުރައްވާ ފަރާތްތަކަށް މުޅި ޔުނިވަރސިޓީން އެއްވަނަ ލިބުނު ނަމަވެސް 85 އިންސައްތަ ހަމަނުވުމުގެ ސަބަބުން އިނާމަށް ޝަރުތުހަމަނުވާ ބައި ކޮންމެވެސް ހަމަޖެހޭ އުޞޫލަކުން އެ ދަރިވަރުންގެ ވެސް ހިތްވަރުގެ އަގުވަޒަންކުރުމަށް ބާރު އެޅޭނެ ފަދަ ގޮތަކަށް އެކުލަވައިލެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޤައުމީ އިނާމާއި ޚާއްޞަ އިނާމު ވަކިން ދެ މުނާސަބަތެއްގައި ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ، އެކަމާ ގުޅޭގޮތުން ދެ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ފެނިވަޑައިގަންނަވާ ލަފައެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޤައުމީ އިނާމާއި ޚާއްޞަ އިނާމު މީގެކުރިން ދެއްވަމުން ގެންދެވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.