މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއަޢރުސީ) ގެ މައްސަލަތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ހުށަހަޅާފައިވާ ބައެއް މައްސަލަތައް މުރާޖަޢާ ކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެންގޮސްފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނުގައި ވަނީ 2014 އަދި 2015 ވަނަ އަހަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އަދި ހިޔާނާތް އެކުލެވޭ ގޮތަށް، ފަތުރުވެރިކަމާއި ބެހޭ ކަންކަން ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ 39 މައްސަލަގެ ވާޤިއާ ތަކަށާއި، މިހާތަނަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކާއި، މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު އެ މައްސަލަ ތަކުގެ ތެރެއިން 35 މައްސަލަ މުރާޖަޢާކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އަނބުރާ ގެނައުމަށް ނިންމައި، އެ މައްސަލަތައް އަނބުރާ ފޮނުއްވައި ދެއްވުމަށް ސިވިލް ކޯޓުގައި މިހާރު ވަނީ އެ އޮފީހުން އެދިފައި ކަމަށެވެ.
އަދި މި 35 މައްސަލަ މުރާޖަޢާ ކުރުމަށްފަހު، ރައީސުލް ޖުމްހޫރިއްޔާ އުފައްދާފައިވާ "ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ އެހީއާއިއެކު، އެ މައްސަލަތައް ފުރިހަމަކޮށް، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މައްސަލަތައް އަލުން ސިވިލް ކޯޓަށް ހުށަހެޅުމަށެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭޖީ ވަނީ ދެއްވާފައެވެ.