ހަނީމޫން ހަދަން ރާއްޖެ އައިސް އުޅުނު ފިލިޕީންސްގެ ދެ ފަތުރުވެރިޔަކު ކ. ދިއްފުށީގައި ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ކ. ދިއްފުށްޓާއި މީރު ފެންފުއްޓާ ދެމެދަށް މޫދަށް އެރިއުޅުނު ފިލިޕީންސްގެ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހަށިގަނޑު ދިއްފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދިއްފުށީ ގެސްޓްހައުސްއަކަށް ގޮސް ތިބި އެ ދެމަފިރިންގެ މަރާ ގުޅޭ ގޮތުން އެ ރަށުގައި ހުރި މީހަކު ރާއްޖެއެމްވީއަށް ބުނީ އެންމެ ފުރަތަމަ އެ ހާދިސާގައި ގެނބުނީ ފިރިހެން މީހާ ކަމަށާއި އޭނާ ގެނބެން ފެށުމުން، އޭނާގެ އަންހެނުން ހަޅޭލެވި ކަމަށެވެ. ޑިންގީއެއްގައި ސަލާމަތް ކުރަން ދިޔައިރު ދެމަފިރިން ވެސް ގެނބި، ހަަރަކާތް ހުއްޓިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ދެމަފިރިން ހަނީމޫން ހެދުމަށް، ފެށި ދަތުރުގައި ފުރަތަމަ މަންޒިލަކީ ރާއްޖެއެވެ.