ލަކީހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށައިފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރަން ލަކީހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ 281 ހައުސިން ޔުނިޓްގެ ކޮންޑަމީނިއަމް އިފްތިތާހު ކޮށްދެއްވީ އާދީއްތަ ދުވަހު މާބުލް ހޮޓެލްގައި ބޭއްވީ ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފެވެ. މި ރަސްމިއްޔާތަށް ފަހު ފްލެޓް ވިއްކަން ވަނީ ފަށައިފަ އެވެ.
އެ ރަސްމިއްޔާތުގައި ޝަމާއު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މިކަމަށް ހައްލު ގެނައުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މާލޭގައި 8000 ވުރެ ގިނަ ގެ ހުންނަ ކަމަށާއި އެ ތަންތަނުގައި އެތައް ބައިވަރު ގޭބިސީތަކެއް ހުންނަ ކަމަށާއި އެއީ އިންސާނުންނަށް ދިރިއުޅެންޖެހޭ ގޮތް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1547365785.jpg)
ބޯހިޔާވަހިކަމަކީ ރައީސް ސޯލިހުގެ ސަރުކާރުންވެސް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި އެގޮތުން ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމާއި ފްލެޓް ދިނުމާއި މިފަދަ އެތައް ކަމެއް މުސްތަގްބަލްގައި ކުރުމަށް ރާވާފައި ވެސް ޝަމާއު ވިދާޅުވި އެވެ.
ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރާ 15 ފަންގިފިލާގެ ލަކީ ހިޔާ ކޮންޑަމީނިއަމްގައި 22 ވައްތަރެއްގެ ފްލެޓް ހިމެނޭއިރު މިފްލެޓްތަށް ބުކް ކުރުމަށް ދައްކަން ޖެހެނީ 50،000 ރުފިޔާއެވެ. ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އާދީއްތަ ދުވަހާއި ހޯމަ ދުވަހު މާބުލް ހޮޓެލްއިން ބުކްކުރެވޭނެ އެވެ.