މަނީޓްރީމް ވިޔަފާރީގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގޮވާލުމާއި ގުޅިގެން އެ ވިޔަފާރީ އަކީ ސްކޭމެއް ނޫން ކަމަށް އެ ފަރާތުން ބުނެފިއެވެ.
މަނީޓްރީމްއާ ބެހޭގޮތުން ޓްވިޓަރގައި މީހަކު އެ ވިޔަފާރީ އަކީ ސައްހަ ވިޔަފާރީއެއްތޯ ބަލައިދިނުމަށް އެދި ފުލުހުންނަށް އެދުމުން އެމީހާގެ ޓުވީޓަށް ޖަވާބު ދެއްވާ ފުލުހުން ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އެހެންކަމުން އެއްވެސް ފަރާތުން އެ ވިޔަފާރީގައި ބައިވެރިނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
We are looking into this matter. In the meantime, we advice you to not get involved in this.
— Maldives Police (@PoliceMv) January 10, 2019
ހުކުރު ދުވަހުގެ ރޭ ޝީ ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި، ފުލުހުންނަށް ރައްދު ދެއްވާ މަނީޓްރީމް ވިޔަފާރީގެ ފައުންޑަރ މުހައްމަދު އަސްލަމް ވިދާޅުވީ ފުލުހުން އެ ވިޔަފާރީގެ ޤާނޫނީ ލިޔެކިޔުންތައް ވެސް ނުބަލާ އެގޮތަށް ކަނޑައެޅުމުން އެކަމާއި ހިތާމަކުރައްވާ ކަމަށެވެ. އަދި ވިޔަފާރި ޤާނޫނީ ކުށަކަށްވާންވި އެއްވެސް ސަބަބެއް ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ރާއްޖޭގެ ނެތް ފައިސާ ލެންޑިންގް އެކްޓެއް، އެހެންކަމުން ލޯނު ދޭ ފަރާތްތައް އެހެން ޤައުމުތަކުގައި ހުންނަ ގޮތަށް ރަޖިސްޓްރީ ކުރާނެ ބޮޑީއެއް ރާއްޖެއަކު ނެތް. 23 ޑިސެމްބަރުގައި ޕޮލިހަށް ދިޔުމަށް އަޅުގަނޑުމެންނަށް ފޯނު ކޯލަކުން ދައުވަތެއް އައި، ދެން އަޅުގަނޑު ވަކީލުންނާއެކު ޕޮލިހަށް ދިޔައިން. އަޅުގަނޑުމެން ޕޮލިހުން ކައިރީގައި ބުނިން ލާރި ކުއްޔަށް ނަގާ ފަރާތާއި ކުއްޔަށް ދޫކުރާ ފަރާތުގެ ޤާނޫނީ އެގްރީމަންޓް އެބައިނޭ. އެގްރީމަންޓެއް ހެދުމަށްފަހުގައޭ މިކަން ކުރަނީ. އަޅުގަނޑު ނަންގަތިން ޕޮލިހުގައި މީގައި އެބައޮތްތޯއޭ ޤާނޫނީ ކުށެއް، މީތި ރަޖިސްޓްރީ ކުރަން ޖެހޭނީ ޓްރޭޑްގައޭ، ޓްރޭޑްގެ ދަފްތަރުގައި މިވަނީ ރަޖިސްޓްރީވެފައޭ، މީގައި ޤާނޫނީ މައްސަލެއް އުޅެންޔާ ވިދާޅުވެ ދެއްވާށޭ، އެބޭފުޅުން އެއްގޮތަކަށް ވެސް ވިދާޅެއް ނުވޭ، އަޅުގަނޑުމެން އަތުގައި ހުރި ލީގަލް ޑޮކިއުމަންޓްތައް ބައްލަވަން ވެސް އެބޭފުޅުން ވިދާޅެއް ނުވޭ" އަސްލަމް ވިދާޅުވިއެވެ.
މަނީޓްރީމަކީ ޕިއަރޓުޕިއަރ ލެންޑިންގ ޕްލެޓްފޯމަށް ފަރުމާކުރެވޭ ލެންޑަރ އާއި ބޮރޯވަރ ދެފަރާތް ބައްދަލު ވުމަށް ހުޅުވާލެވޭ މާކެޓެކެވެ. ފައިސާ ބޭނުންވާ ކޮންމެ ފަރާތަކުން މަނީޓްރީމް ވެބްސައިޓްގައި ރަޖިސްޓްރީ ކުރުމަށްފަހު ބޭނުންވާ ފައިސާގެ މިންވަރެއް ރިކުއެސްޓް ކުރުމުން މަނީޓްރީމް މާކެޓް މެދުވެރިކޮށް ލެންޑަރ އެއް ހަމަޖައްސައިދެވެއެވެ. އަދި ހަމަ އެހެންމެ އިންވެސްޓް ކުރަން ބޭނުންވާ ފަރާތަކުން އިންވެސްޓްކުރަން ބޭނުންވާ އަދަދާއިއެކު މަނީޓްރީމްގެ ވެބްސައިޓްގައި ރަޖިސްޓްރީ ކުރުމުން ފައިސާބޭނުންވާ ފަރާތަކާއި (ބޮރޯވަރ އަކާއި) މަނީޓްރީމްގެ މާކެޓު މެދުވެރިކޮށް ބައްދަލުކޮށް އިންވެސްޓް ކުރެވެއެވެ.
މަނީޓްރީމްގެ ޕިއަރޓުޕިއަރ ޕްލެޓްފޯމްގައި މިހާރު ކުރިއަށް ގެންދަނީ އެޕާޓްމަންޓް ލީސްކުރާ ކޮންސެޕްޓް ކަމުން ފައިސާ ނަގަން (ބޮރޯވަރ) ގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތަކީ ކުލީގެ އާމްދަނީއެއް ލިބުމެވެ. މިސާލަކަށް ކުލީގެ ގޮތުގައި 5000.0 ރުފިޔާ ލިބޭ ފަރާތަކަށް ލޯނުގެގޮތުގައި 50,000 ރުފިޔާ މަނީޓްރީމްގައި ބައިވެރިވާ އިންވެސްޓަރެއްގެ އަތުން ލިބޭނެއެވެ. އަދި މިގޮތަށް ލޯނު ނެގުމަށްފަހު ލޯނު އަދާކުރުމަށް 20 މަސްދުވަސްވަންދެން އެ އިމާރާތުގެ ކުލި ލިބޭނެ ފަރާތަކީ ލޯނުދިން އިންވެސްޓަރެވެ. އެހެންކަމުން މަނީޓްރީމް މެދުވެރިކޮށް ލޯނު ދިން ލެންޑަރ އަށް 100,000 ރުފިޔާ 20 މަސްދުވަސްތެރޭގައި ލިބޭނެއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާއި ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހާމަކުރައްވާނެ ކަމަށެވެ.