ހުޅުމާލޭގައި ބާރުގަދަ ޑްރަގަށް އޯވަޑޯޒްވެގެން އަންހެނަކު މަރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ 27 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަރުވެފައި އޮތް އަންހެނަކު ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނައިކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ދީފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އޭނާގެ މަރާ ގުޅޭ ގޮތުން ފުލުހުން އިތުރު އެއްޗެއް ނުބުނެ އެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އޯވަޑޯޒްވީ ޕާޓީ ޑްރަގު ބޭނުން ކުރުމުގެ ސަބަބުންނެވެ.
2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ބާރުގަދަ ޕާޓީ ޑްރަގެއް ބޭނުން ކުރި އަންހެނަކާއި ފިރިހެނަކު ހުޅުމާލޭގައި މަރުވެފައި ވެއެވެ.