އެންމެ ވަރުގަދަވާން ޖެހޭނެ ލޯތްބަކީ ކީރިތި ރަސޫލާދެކެ ވާ ލޯބި ކަމަށާއި، ރަސޫލާދެކެ ލޯބިވުމަކީ މާތްﷲ އަށް ކުއްތަންވުމަށް ވެވޭ އަޅުކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
ކީރިތި ރަސޫލާ ދެކެ ލޯބި ވުމުގެ މުހިއްމުކަމުގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ރަސޫލާދެކެ ލޯބި ވުމުގެ މުހިއްމު ކަމާއި، އޭގެ ސަބަބުން މުސްލިމުންގެ ދިރިއުޅުމަށް ކުރާނެ ފައިދާގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މީހެއްގެ އަމިއްލަ ނަފްސާއި، އެންމެހައި ކަމަކަށްވުރެ ބޮޑަށް ކީރިތި ރަސޫލާދެކެ ލޯބިވުމަށް ދާންދެން އެ މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ.
" ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސާއި، މުދަލާއި ދަރިންނާއި އަދި އެންމެހައި މީސްތަކުންނަށްވުރެ، ތިމަންކަލޭގެފާނުގެ މައްޗަށް ލޯބިވުމަށް ދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވި ކަމަކަށް ނުވެއެވެ. " ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
އޭގެ އިތުރުން، ކީރިތި ރަސޫލާއަކީ މާތްﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އިންސާނާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
" އެހެން އެއްވެސް މަޚުލޫޤަކަށް ޘަނާގެ ބަސް ވަޙީ ނުކުރައްވާ މިންވަރަށް ﷲ ތަޢާލާ އެކަލޭގެފާނަށް ޘަނާގެ ބަސް ވަޙީކުރައްވާފައިވެއެވެ. މީސްތަކުންގެ ތެރޭގައިވާ އެންމެ މާތް، އެންމެ ޝަރަފުވެރި އެންމެ ތާހިރު، އެންމެ މަތިވެރި އިންސާނާ ކަމުގައި އެކަލޭގެފާނު ވީ ހިނދު، އަޅުގަނޑުމެން އެކަލޭގެފާނު ދެކެ ލޯބި ނުވާންވީ ކީއްވެގެންތޯއެވެ؟ " ޚުތުބާގައި ބުނެފައިވެއެވެ.
ކީރިތި ރަސޫލާއަށް އަދަބު އިހުތިރާމް އަދާ ކުރުމުގެ ގޮތުން އެކަލޭގެފާނުގެ ސުންނަތައް ތަބާވެ، އެކަލޭގެފާނަށް ސަލަވާތް ކިއުމުގެ މުހިއްމު ކަމަށްވެސް މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.