އެމްޑީޕީގެ މަޖިލިސް ޕްރައިމަރީތައް ނިމުމުން، އެ ޕްރައިމަރީތައް ކާމިޔާބު ކުރާ ފަރާތްތަކަށް އެ އޮތީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ޖެނީފާ މުސްތަފާގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ކުރުމުން ގެންދާ ދަތުރުތަކުން ފެނިވަޑައިގަންނަވަނީ މި ފެށޭ މަޖިލިސް އެމްޑީޕީއަށް ދޭން އެ ރަށްތަކުގެ ރައްޔިތުން ތައްޔާރު ވަމުން އަންނަ ތަން ކަމުގައި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އޮންތިހަބުގައ އެމްޑީޕީއަށް އަޢްލަބިއްޔަތެއް ދިނުމަށް ރާއްޖޭގެ ރައްޔިތުން ތައްޔަރު ވަމުން އަންނަ ތަން، އަންނަ އަޑު، ކުރާ މަޝްވަރާ، މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އެބަ އަޑު އިވޭ" ނަޝީދު ވިދާޅުވިއެވެ.
އެ ހަފުލާގައި ނަޝީދު ވަނީ މަކުނުދޫއަށް ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށް ސަރުކާރުގެ ފަރާތުން ވައުދުވެޑައިގަންފައެވެ. އެ ގޮތުން އެ ރަށުގައި އެއަރޕޯޓެއް އެޅުމަށާއި، މި ދާއިރާގައި އަޅަން ނިންމާފައިވާ ރިސޯޓްގެ ކަންކަން ނިންމުމަށާއި ކުރިން އަޅަން ނިންމާފައި ނޭޅި އޮތް ޖަލުގެ ކަންކަން ނިންމައިދިނުމުގެ އިތުރުން އެ ރަށުގެ މީހުން އެދި އެދި ސްލިޕްވޭގެ ކަންކަން ނިންމައި ދިނުމަށް ނަޝީދު ވައުދުވެވަޑައިގެންނެވިއެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްހޫރުތައް ހިންގަން ޖެހޭނީ ފިތުރަތީ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. ރަށްރަށުން ގަސް ކަނޑާ މައްސަލައަށް އަލިއަޅުއްވާލައްވާ އެ މަނިކުފާނު ވިދާޅުވީ ތަރައްގީގެ ނަމުގައި ރަށްރަށުގެ ގުދުރަތީ މާހައުލަށް ދޭ ގެއްލުން ބަލައެއް ނުގަނެވޭނެ ކަމަށެވެ. އަދި އަދުގެ ޓެކްނޮލޮޖީން ފްލޯޓިން އެއަރޕޯޓެއް ހެދުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި ތަރައްގީ ގެންނަން ކުރާ މަސައްކަތްތަކަކީ ދުރާލާ ވިސްނާ ރޭވިގެން ކުރާ ކަންކަމަށް ވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"ރާއްޖޭގެ ފިތުރަތީ ގުދުރަތީ ހަމަތަކާއި އެއްގޮތަށް ބިނާތައް ބަހައްޓާން ޖެހޭ. ދިވެހިރާއްޖޭގެ ތަރައްގީ އަޅުގަނޑުމެންނަށް ހޯދޭނީ ހަގީގަތުގައި ފިތުރަތުގެ އުސޫލާއި އެއް ގޮތަށް އަޅުގަނޑުމެންގެ ތަރައްގީގެ މަސައްކަތްތައް ބެހެއްޓީމަ" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް މި ވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ވެސް ވައުދުތައް ފުއްދައިދީފައި ވާނެ ކަމަށާއި، އެމްޑީޕީގެ މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށް އެ ޕާޓީގެ ކެނޑިޑޭޓުން ހޮއްވެވުމަށް އެދިވަޑައިގެންފައެވެ.