ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް އެއްވެސް މީހެއް ނުރުހުމުގައި ސޮއިކުރުވާފައި ނުވާނެ ކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން 4،000 ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމާއެކު ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވުމާއި ގުޅިގެންނެވެ.
ޝަރީފު ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުށަހެޅުމުން އެފަދަ ގޮތަކަށް މީގެ ކުރިން ޝަކުވާ އައިސްފައިނުވާ ކަމަށާއި، ބައެއް ފަރާތްތަކުން ގުޅައި އެފޯމްތަކާއި ބެހޭ ގޮތުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އެހެންކަމުން އެ ފޯމުތައް އެއީ ސައްހަ ފޯމުތައްކަން ބެލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ނުރުހުމުގައި އެއްވެސް މީހަކު ލައްވައި ޕީއެންސީއަށް ސޮއި ކުރުވާފައި ނުވާނެ ކަމަށެވެ. އަދި މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފޯމް ފުރާފައިވެސް ނުވާނެ ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަށް ފޯމް ފުރުވި ބޭފުޅުން އެކަން ކުރައްވާފައިވަނީ ހިތުން ރުހުމުން ޕީއެންސީއާ ގުޅެން ބޭނުންވެގެން ކަމަށެވެ.
އާ ޕާޓީއެއް އުފެއްދުމަށް މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން އެހާ ބޮޑަށް މަސައްކަތް ކޮށްފައިނުވާ ކަމަށާއި އެކްޓިވިސްޓުންގެ މަސައްކަތުން 8000 ފޯމް ހަމަކުރެވިފައިވާ ކަމަށް ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތަކުން މީގެ ކުރިންވަނީ ބުނެފައެވެ. މިމަހުގެ 9 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ 4000 ފޯމެވެ.
ރައީސް ޔާމީންގެ ގާތް ބޭފުޅުން އާ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ އިރު މިހާތަނަށް އެ ޕާޓީ އަށް ރައީސް ޔާމީން ސޮއިކުރައްވާފައިވާކަން އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
ޕީޕީއެމްގެ ނައިބު ލީޑަރުގެ މަޤާމަށް ސެޕްޓެމްބަރު މަހު ބޭއްވި އެ ޕާޓީގެ ކުއްލި ކޮންގްރެސްގެ މަޤާމުން އައްޔަންކުރި، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، އާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.