ގައުމީ އިނާމާބެހޭ ކޮމިޓީއަށާއި ޚާއްސަ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ބައެއް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ރައީސް ސޯލިހު ހަމަޖެއްސެވީ މ. ލޮނުވެލި އަނީސާ އަހުމަދެވެ. އެކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި އެހެން ބޭފުޅުންނަކީ، މ. މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއާއި، ޅ. ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމާއި، ހ. އިރުވައި އާމިނަތު ނާޒެވެ.
މިބޭފުޅުންގެ އިތުރުން، އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް ޙުސައިން އާމިރާއި، މއ. ފިޔަވަނި އަޙްމަދު އަލިމަނިކާއި، މ. ކާނިމާގޭ މުހައްމަދު އިކްރާމާއި، މ. މާހިޔާ ރަޙީމާ އާދަމާއި، މާލޭ ވިލިނގިލީ ކަންދު ހަސަން މަނިކެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖްތަމަޢުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާބެހޭ ކޮމިޓީގެ ޗެއަރމަނަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނެވެ. މި ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި އެހެން ބޭފުޅުންނަކީ، މއ. މާނިކަ އަޙްމަދު އަލިމަނިކާއި، މ. ތާނގީދޮށުގޭ މަރްޔަމް ނޫރައްދީނާއި، މ. ހިޔަލީ ގުލްޝަން މަރްޔަމް ޝިފްޒާނެވެ.
ޚާއްސަ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މ. ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މާލެ ވިލިނގިލީ އަކީލާ ޑޮކްޓަރ އަބްދުލްއަޒީޒް ޔޫސުފާއި، މއ. ވިލާރޮދި ޢާއިޝަތު ޝާހީނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، ޢިލްމީގޮތުން ހޯދާ މަތީ ކާމިޔާބީތަކުގެ އަގު، ޤައުމީ ފެންވަރުގައި ވަޒަންކުރުމުގެ މަޤްޞަދުގައި ދެއްވާ އިނާމެކެވެ.