ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން 4000 ފޯމް ހަމަކޮށް ބުދަ ދުވަހު އިލެކްޝަނަށް ހުށަހަޅައިފިއެވެ.
ގާނޫނުގައިވާ ގޮތުން ސައްހަ 3000 މެމްބަރުން ހަމަކުރުމުން، ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެއެވެ. އަދި މިކަން ކުރުމަށް ތިން މަސްދުވަހުގެ ވަގުތެއް ލިބެއެވެ.
އިލެކްޝަނުން ބުނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭނީ ހުށަހެޅި ފޯމްތައް ބެލުމަށް ފަހުގައި ކަމަށެވެ. މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އީސީން ބުންޏެވެ.
އާ ޕާޓީއެއް އުފެއްދުމަށް މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން އެހާ ބޮޑަށް މަސައްކަތް ކޮށްފައިނުވާ ކަމަށާއި އެކްޓިވިސްޓުންގެ މަސައްކަތުން 8000 ފޯމް ހަމަކުރެވިފައިވާ ކަމަށް ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތަކުން މީގެ ކުރިންވަނީ ބުނެފައެވެ. ނަމަވެސް ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ 4000 ފޯމެވެ.
ރައީސް ޔާމީންގެ ގާތް ބޭފުޅުން އާ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ އިރު މިހާތަށް އެ ޕާޓީ އަށް ރައީސް ޔާމީން ސޮއިކުރައްވާފައިވާކަން އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
ޕީޕީއެމްގެ ނައިބު ލީޑަރުގެ މަޤާމަށް ސެޕްޓެމްބަރު މަހު ބޭއްވި އެ ޕާޓީގެ ކުއްލި ކޮންގްރެސްގެ މަޤާމުން އައްޔަންކުރި، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، އާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.