ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ޗައިނާއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅު ކުރައްވާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ކިމް ބާއްވަވާ ދެވަނަ ބައްދަލުވުމުގެ މަސައްކަތްތައް އިތުރުކޮށްފައިވާ ވަގުތެއްގައެވެ.
ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން އަންގާރަ ދުވަހު ބުނީ އަމިއްލަފުޅު ރޭލުގައި އަނބިކަނބަލުން ރީ ސޮލް ޖޫއާއި އުތުރު ކޮރެއާގެ އިސް އޮފިޝަލުންނާއެކު މި ދަތުރުފުޅަށް ކިމް ފުރާވަޑައިގެންފައިވަނީ ހޯމަ ދުވަހުކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގެ ރޭލް ސްޓޭޝަންގެ ކައިރީގައި އަންގާރަ ދުވަހުގެ ހެނދުނު މެޓަލް ގޭޓް ބަހައްޓައި ފުލުހުން މަގު ބަންދުކޮށްފައިވަނިކޮށް މޮޓޯރ ކޭޑް ކޮޅެއް އެތަނުން ނައްޓާލިތަން ފެނިފައިވެއެވެ. އެއީ ކިމްގެ ރޭލް ޗައިނާގެ ސަރައްހައްދީ ރޮނގު ހުރަސްކުރިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އުތުރު ކޮރެއާ އާއި ޑިޕްލޮމެޓިކް ގޮތުންނާއި، ވިޔަފާރީގެ ގޮތުން އަދި އެހީތެރިވުމުގައި އެންމެ ގާތް ޗައިނާއަށް ކިމް ކުރައްވާ ދަތުުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ އާއެކު ހަތަރުވަނަ ފަހަރަށް ބައްދަލުކުރައްވާނެކަމަށްވަނީ ބެެލެވިފައެވެ.
ކިމް މި ދަތުރުފުޅު ކުރައްވާފައި މިވަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައި އަދި ފިއްތުންތައް ކުރިމަތިކުުރުވާނަމަ ދެވަަނަ ވިސްނުމަކަށް ހިނގައިދާނެކަމަށް އިންޒާރު ދެއްވިތާ ހަފްތާއެއްގެ ތެރޭގައެވެ.