އެމެރިކާއިން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެލައިނާ ބީ. ޓެޕްލިޒްއާއި އެ ގައުމުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވަރ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
އަންގާރަ ދުވަހުގެ މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ސަފީރު ޓެޕްލިޒްއަށް އަދި އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސްއަށް މަރުހަބާ ވިދާޅުވެ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ޝްރައިވަރ އަދި ސަފީރު ޓެޕްލިޒްވަނީ ރާއްޖެއަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް އެމެރިކާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް ދިފާއީ ދާއިރާއާއި ސަލާމަތީ ކަންކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރުކަން އެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ކަނޑުގެ ސަރަހައްދާއި ސަރަހައްދީ އިމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައާއި ޓެރެރިޒަމާއި ހައްދު ފަހަނައެޅުމާ ދެކޮޅަށް ކުރެވޭ މަސައްކަތާއި ދެގައުމަށް ލާބަހުރި އެހެނިހެން ކަންކަމުގައި އެމެރިކާގެ ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާޙިދުގެ އިތުރުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލްއާއި، ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދުއާއި ރާއްޖެއިން އެެމެރިކާއަށް ކަނޑައެޅުއްވުމަށް ހޮއްވަވާފައިވާ ތިލްމީޒާ ހުސައިން އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޝިއުނީން ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމެރިކާ ސަފީރު ޓެޕްލިޒްއާއި އެ ގައުމުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ޝްރައިވަރގެ އަރިހުގައި ކޮލަމްބޯ އެމްބަސީގެ ޑިފެންސް އަޓާޝޭ ޑަގްލަސް ހެސްއާއި ކޮލަމްބޯ އެމްބަސީގެ ޑެޕިއުޓީ ޕޮލިޓިކަލް ޗީފް މާކަސް ކާޕެންޓަރއާއި މިލިޓަރީ އެސިސްޓެންޓް ކްރިސްޓިއަން ފައިފަރ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.
އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާ ޓެޕްލިޒް ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.