ރަށްތަކުގައި ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހަށް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ފަތުރުވެރިކަމުގެ ވިޔަފާރީ އެ ރަށްތަކުގައި ފުޅާ ކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލް، ސިޓީ ކައުންސިލް، އަތޮޅު ކައުންސިލްގެ އިތުރުން ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިޒްނަސް ކޮމިއުނިޓީ އާއި ވިޔަފާރީއާ ގުޅުން ހުރި ސްޓޭކް ހޯލްޑަރުންނާ ވެސް ބައްދަލުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ވަކި ވަކި ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި ތަރައްޤީކޮށް ޕްރޮމޯޓް ކުރުމަކީ މި ސަރުކާރުގެ އަމާޒަކަށް ވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެމްއެމްޕީއާރްސީ، މޯލްޑިސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން އަދި ޓޫރިޒަމް މިނިސްޓްރީގެ ޓެކްނޮލޮޖިކަލް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުތަކަކީ ޓޫރިޒަމް މިނިސްޓަރު ސިލްސިލާކޮށް ކުރިއަތް ގެންދެވުމަށް ނިންމަވާފައިވާ ދަތުރުތަކެކެވެ.