ސިނަމާލެ ބްރިޖު ހައިވޭގައި ދަތުރުކުރަމުން ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ހޯމަ ދުވަހުގެ ރޭ 11:37ގައި ކަމަށެވެ. ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ދިޔައިރު، އަލިފާން ނިއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ކާރު މެއިންޓެނެންސް ނުކޮށް ގިނަ ދުވަހު އޮތުމުން ކަމަށާއި އެއީ ކާރުގެ އަޑީތެޔު ބަދަލު ނުކުރުމުގެ ސަބަބުން ދިމާވެފައިވާ ހާދިސާއެއް ކަމަށެވެ. އެ ހާދިސާ އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ ކާރުން އާދަޔާ ހިލާފަށް ދުން އަރާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ހާނިކައެއް ނުވެއެވެ.