މ. މުލީ އެޕަލް ފާމަސީގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ހާދިސާ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 19:57 ހާއިރު ކަމަށައި، ހަމަލާދިނީ ކާކުކަން އަދި ނޭނގޭ ކަމަށެވެ.
އެ ހާދިސާގައި ހަމަލާދީފައިވަނީ 31 އަހަރުގެ ފިރިހެނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މ. މުލީ ރައްޔިތަކު ބުނީ، ފާމަސީގައި މަސައްކަތްކުރާ ފާމަސިސްޓަކަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ހުރި މީހެއް ކަމަށް މަންޒަރު ދުއް މީހުން ބުނާ ކަމަށެވެ.
އެ ހާދިސާގައި ޒަހަމްވި މީހާއަށް މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ހަމަލާދީފައިވަނީ އޭނާގެ ވާ އަތުގެ އުޅަނބޮއްޓަށް ކަމަށާއި، އޭނާއަށް ތިއޭޓަރުގައި ފަރުވާދެމުންދާ ކަމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ރާއްޖެ.އެމްވީއަށް މައުލޫމަތުދެމުން ފާމަސީގެ އިސް ފަރާތެއް ބުނީ، ޒަހަމްވި މީހާ މާލެ ފޮނުވާލުމަށް މިހާރު މަސައްކަތްކުރަމުންދާކަމަށެވެ. އަދި އޭނާއަށް ހަމަދީފައިވަނީ ފައިސާ ހޯދުމަށް މަސައްކަތްކޮށް، ފައިސާ ނުލިބުމުންކަމަށް އޭނާ ބުންޏެވެ.
ފުލުހުން ގެންދަނީ މިހާރު އެ މައްސަލަ ތަހުޤީޤްކުރަމުންނެވެ.