އަވަށްޓެރި ސްރީލަންކާ އާއި ރާއްޖެއާ ދެމުދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ، ސްރީލަންކާގެ ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ.އާރ.ޑަބްލިޔު.އާރ.އޭ.ބީ. ތޮރަޑެނިޔަ އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1546852507.jpg)
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ސްރީލަންކާގެ ސަފީރަށް މަރުޙަބާ ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވައިފައެވެ.
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާ ކަމަށާއި އެ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި، ދެ ޤައުމަށް ފައިދާ ހުރި ގޮތަކަށް އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށެވެ.
ހޯމަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އެގޮތުން ކްރިކެޓް ކުރިއެރުވުމުގައި ސްރީލަންކާގެ އެހީތެރިކަން ރާއްޖެއަށް ބޭނުންފުޅުވާ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމު ގުޅިގެން ހޯދޭނެ ފައިދާތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.
އެކި ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް ދެމުންދާ އެއްބަރުލެއްވުމާއި އެހީތެރިކަން ދެ ބޭފުޅުންގެ ބައްދަލުވުމުގައި ވަނީ ފާހަގަ ކޮށްފައެވެ.